

ސަޕޯޓް ކުރެވޭނީ ކުޅުންތެރިންވެސް މޮޅަށް ކުޅެގެން
އޭ އެފް ސީ ޗެލެންޖްކަޕް ކޮލިފައިން މިދިޔަ އަންގާރަ ދުވަހު ހަވީރު ދިވެހިން ފެށީ ވަރަށް ބޮޑު އުއްމީދަކާއެކުގައެވެ. އެފް އޭ އެމުން ރާއްޖޭގައި މުބާރާތް ބާއްވަން ބޭނުންވީ މައިގަނޑު ދެ ސަބަބަކާ ހެދި އެވެ. ފުރަތަމަ ސަބަބަކީ ސާފްޗެމްޕިއަންޝިޕްގައި ފެނުނުފަދަ އެއްބައިވަންތަކެއް އަނެއްކާވެސް ދިވެހިންގެ ތެރެއަށް ގެނައުމެވެ. އަނެއް ސަބަބަކީ އޭޝިއަންކަޕަށް ކޮލިފައިވެ ދިވެހި ފުޓްބޯޅަ އަނެއްކާވެސް އާ ހަރުފަތަކަށް ގެންދިޔުމެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އަދި ފުރިހަމައަށް ހާސިލުވިއެކޭ ބުނެވޭނެ ޖާގައެއް ނެތެވެ.
މުބާރާތުގައި ހުރިހާވެސް މައްސަލައަކަށްވީ ފުރަތަމަ މެޗުގައި ތުރުކަމިނިސްތާން އަތުންވި ބޮޑު ބައްޔެވެ. ރޭންކްގެ ގޮތުން ރާއްޖެއަށްވުރެ އެންމެ ދަރަޖައެއް ކުރީގައިވާ ތުރުކަމިނިސްތާން އަތުން ހިތްދަތި ގޮތަކަށް 3-1 ލަނޑުން ރާއްޖެ ބަލިވި ކަމަށް ޤަބޫލު ކުރަން އަދިވެސް ގިނަ ދިވެހިންނަށް އުނދަގުލެވެ. ސަބަބަކީ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި މިސަރަހައްދުގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ ކޮރެއާވެސް އިސްޖެހިފައިވުމެވެ. އަދި އެ ސަޕޯޓް ސާފްޗެމްޕިއަންޝިޕަށްފަހު ވަނީ އިތުރަށް ވަރުގަދަވެ އާ ސްޓައިލްތަކެއްވެސް ތައާރަފްވެގެން ގޮސްފައެވެ. އެހެންކަމުން ހަމަ ހަގީގަތުގައިވެސް 9000 ސަޕޯޓަރުންގެ ކުރިމަތީގައި ދިވެހިންނަށް ބޭނުން ގޮތެއް ހަދާލެވިގެނެއް ނުވާނެ އެވެ.
އެމެޗުގައި ރާއްޖޭގެ ސަޕޯޓަރުން ރަނގަޅަށް ސަޕޯޓް ނުކުރާ ވާހަކަ ބައެއް ކުޅުންތެރިންނާއި އަދި ފުޓްބޯޅައިގެ އިސް ބައެއް ފަރާތްތަކުންވެސް ދައްކައެވެ. އެކަމުގައި ސަބަބުތަކެއް އެބަހުރި ކަމަށް ސަޕޯޓަރުންވެސް ބުނެއެވެ. ސަޕޯޓް ކުރެވޭ ވަރުގެ ނުވަތަ ސަޕޯޓަރުންނަށް ކިކެއް އަންނަވަރުގެ ކުޅުމެއް ކުޅުންތެރިންގެ ކިބައިން ނުފެނުމެވެ. ފަހުހާފުގެ މެދެއްހާ ހިސާބުން ފެށިގެން ކުޅުންތެރިން ދަނޑުމަތީގައި އުޅުނީ ހިނގާފަ ކަމަށް ސަޕޯޓަރުން ސިފަ ކުރެއެވެ. މެޗަށްފަހު ކޯޗުވެސް ވަނީ ކުޅުންތެރިންގެ ފިޓްނަސް ދަށްކަން ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.
ފުރަތަމަ މެޗުންވި ބައްޔާއެކު ދެވަނަ މެޗުގައި ދަނޑުން އެކަން ވަރަށް ބޮޑަށް އެނގުނެވެ. ފުރަތަމަ މެޗުގައި ދަނޑު ފުރި ކޮޅަށްވެސް މީހުން ތިއްބެވެ. ނަމަވެސް ދެވަނަ މެޗުގައި ދަނޑުގެ އެކި ދިމަދިމާއިން ހުސްތަންތަން ފެންނަން ހުއްޓެވެ. އެހެންކަމުން ފުރަތަމަ މެޗަށްވަން މީހުން ދެވަނަ މެޗަށް ނުވަންނަކަން އެނގިގެން ދިޔައެވެ. ނަމަވެސް ހުރިހާ ޓިކެޓެއް ހުސްވެފައި ހުރުމުން ބޭނުން ނުކުރާ ޓިކެޓްތަކެއްވެސް ހުންނާނެކަމަށް ޔަގީން ކުރެވުނެވެ. މީހުން ދަނޑަށް ވަނުން މަދުވި ސަބަބެއްގެ ގޮތުގައި އެންމެންވެސް ބުނަމުން ދިޔައީ ފުރަތަމަ މެޗުން ރާއްޖެ ބަލިވުމާއި އެމެޗުގައި ދިވެހި ކުޅުންތެރިންގެ ކިބައިން ފެނުނު އާދައިގެ ކުޅުމެވެ. މީހުންގެ އަދަދު މަދު ނަމަވެސް ޕިލިޕީންސް މެޗުގައި ރާއްޖޭގެ ސަޕޯޓަރުންވަނީ ސާފްޗެމްޕިއަންޝިޕާ ގާތްކުރާ ވަރުގެ ސަޕޯޓެއް ދީފައެވެ. ހާއްސަ ގޮތެއްގައި ރާއްޖެ މޮޅަށް ކުޅެމުންދާ ދަނޑިވަޅުތަކުގައާއި ލަނޑު ޖެހި ދަނޑިވަޅުތަކުގައެވެ.
މިރޭ ފަހު މެޗުގައި ބޫޓާނާ ދެކޮޅަށް ކުޅޭއިރު ސަޕޯޓަރުންގެ ފޯރި އިތުރަށް ގަދަވާނެ ކަމަށް ބެލެވޭ ސަބަބުތަކެއް އެބަހުއްޓެވެ. ފުރަތަމަ ސަބަބަކީ އެންމެ ފަހުން ކުޅުނު މެޗުގެ ފޯރި ގަދަވެ ސަޕޯޓަރުންނަށް ފޯރިނަގާނެ ދަނޑިވަޅުތައް ލިބިގެން ދިޔުމެވެ. އަނެއް ސަބަބަކީ މިއީ ރާއްޖެ މުބާރާތުގައި ރޭގަނޑު ކުޅޭ ހަމައެކަނި މެޗަށްވުމެވެ. އޮފީސް ގަޑި ހަމަޖެހިފައިވާ ގޮތުން ހަވީރު ގަޑީގައި ދަނޑަށްދިޔުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި ދަނޑަށް ދިޔަ ނަމަވެސް ސަޕޯޓް ކުރަން ތައްޔާރުވުމަކީވެސް އުނދަގޫ ކަމެކެވެ.
ސާފްޗެމްޕިއަންޝިޕްގައި ނެގި ވަރުގެ ބައިކުޅަބައި ފޯރިއެއްވެސް މި މުބާރާތުގައި ނެތެވެ. އެއް ސަބަބަކީ ދިވެހިންނާ ރައްޓެހިނޫން ޓީމުތަކަށް އިދިކޮޅަށް ކުޅުމެވެ. އަނެއް ސަބަބަކީ މުބާރާތް އެކަށީގެންވާ ގޮތަކަށް މާކެޓް ކުރެވިފައި ނެތުމެވެ. އަނެއް ސަބަބަކީ މުބާރާތުގެ ފުރަތަމަ މެޗުން ބަލިވެ ދިވެހިންގެ އަމިއްލަ ބާރު ނެތިގެން ދިޔުމެވެ. މިއީ މުބާރާތުގެ ފޯރިއަށް އަސަރުކުރި ކަންތަކެވެ.
ސަޕޯޓަރުން ސަޕޯޓް ކުރުވުމަށްޓަކާ އެފް އޭ އެމުން ވަނީ ސާފްޗެމްޕިއަންޝިޕްގައި ކަންތައްތަކެއްކޮށްފައެވެ. ދަނޑުގެ އެކި ހިސާބުތަކުގައި އިސް ސަޕޯޓަރުން ބައިތިއްބާ އެމީހުންގެ އިރުޝާދުގެ މަތިން އެކަންކޮށްފައެވެ. ނަމަވެސް މިފަހަރު އެކަހަލަ މަންޒަރެއް ނުފެނެއެވެ. އެހެންކަމުން މިފަހަރު ސަޕޯޓް ކުރުމުގައި ސާފްޗެމްޕިއަންޝިޕާ އަޅާ ބަލާއިރު ދަށްކަން ފާހަގަ ކުރެވެއެވެ.
ސަޕޯޓަރުން ބުނަމުންދަނީ އެމީހުންނަށް ރަނގަޅަށް ފޯރީގައި ސަޕޯޓް ކުރެވޭނީ ކުޅުންތެރިންވެސް ދަނޑުމަތީގައި އެކަން ދައްކާދީގެންނެވެ.