
ގޯހީ މިނިސްޓްރީތަ؟ ނޫނީ އެފް އޭ އެމްތަ؟
އޭއެފްސީ ޗެލެންޖްކަޕް ރާއްޖޭގައި ބާއްވަން ހަމަޖެހުނުކަން އެފްއޭއެމުން އިއުލާން ކުރިތާ ދުވަސްތަކެއްވެއްޖެ އެވެ. އެއާއެކު ފުޓްބޯޅައިގެ ސަޕޯޓަރުން ތައްޔާރުވަމުން ގެންދިޔައީ ސާފްޗެމްޕިއަންޝިޕްގައި ގެނައިފަދަ ފޯރިއެއް ގެންނާށެވެ. އެހެން ނަމަވެސް މުބާރާތް ބާއްވާ ދުވަސް ކައިރި ވަމުން އައިއިރުވެސް މުބާރާތަށްޓަކާ އެފް އޭ އެމުން މާބޮޑު މަސައްކަތްތަކެއް ކުރަމުން ދިޔަތަނެއް ނުފެނުނެވެ. އެހެންކަމުން އެފަރާތްތަކުގެ ހިތުގައި ޝައްކު އުފެދިގެން ދިޔައެވެ.
މިމަހުގެ 1ވަނަ ދުވަހު އެފްއޭއެމުން ނޫސްކޮންފަރެންސެއް ބޭއްވުމުން ގިނަ ބަޔަކު ހީކުރީ މުބާރާތުގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު އެ ބައްދަލުވުމުގައި ހާމަކުރާނެ ކަމަށެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. އެފްއޭއެމުގެ ޕްރެޒިޑެންޓް އަލީ އާޒިމް ވިދާޅުވީ މިނިސްޓްރީން އެއްވެސް އެހީތެރިކަމެއް އަދިވެސް ލިބިފައިނުވާތީ މުބާރާތް ބޭއްވޭނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތް ކަމަށެވެ. އެދުވަހު އާޒިމް ވިދާޅުވީ މުބާރާތުގެ ކަންތައްތަކާ ބެހޭ ގޮތުން އެފް އޭ އެމުން އެތައް ފަހަރަކު މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް ފައިސާ ލިބޭނެ ކަމުގެ އެއްވެސް އިޝާރާތެއް ވެފައިނުވާ ކަމަށެވެ. މި ޚަބަރު ވެގެން ދިޔައީ ހައިރާން ކުރުވަނިވި ޚަބަރަކަށެވެ. ސަބަބަކީ އޭރުވެސް މިނިސްޓްރީން މީޑިއާގައި ބުނަމުން ދިޔައީ މުބާރާތް ބާއްވަން އެއްބާރުލުން ދޭނެ ކަމަށެވެ.
ބުދަ ދުވަހު ވާހަކަ ދެއްކީ އެފް އޭ އެމުންނެވެ. ބުރާސްފަތި ދުވަހު މިނިސްޓްރީންނެވެ. މިނިސްޓްރީން ވާހަކަ ދެއްކީ އެފްއޭއެމުގެ އިސްއޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމަށްފަހުގައެވެ. އޭރު އޮތީ ކަންތައްތައް ވަކި ކޮޅެއްގައި ޖައްސާފައެވެ. މިނިސްޓްރީން ބުނެފައިވަނީ އެފް އޭ އެމުން ސިޓީ ފޮނުވިކަމުގައިވިޔަސް ބައްދަލުވުމަކަށް އެދިފައިނުވާ ކަމަށާއި ބައްދަލުވުމަކަށް އެދުނީ އޭޕްރީލް 1ވަނަ ދުވަހު ކަމަށާއި 2ވަނަ ދުވަހު ބައްދަލުވުން ހަމަޖައްސާދީފައިވާނެ ކަމަށެވެ.
އެފް އޭ އެމުން ބޭއްވި ނޫސްކޮންފަރެންސްގައި އެފަރާތުން ބުނެފައިވަނީ އާދޭސްކޮށްގެން ބައްދަލު ކުރަން ޖެހޭނެ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ.
ދެފަރާތުގެ ވާހަކަތަކަށް ބަލާއިރު އެއްވެސް ފަރާތަކުން ގޮތްދޫކުރަން ބޭނުންނުވާކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ. ދެފަރާތުގެ ވާހަކަތަކުގައިވެސް ރަނގަޅު ޕޮއިންޓްތަކެއް އެބަހުއްޓެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގްބަލަށް ބަލާއިރު އިތުރަށް ވިސްނާލަން ޖެހޭ ކަންތައްތަކެއްވެސް އެބަހުއްޓެވެ.
މިނިސްޓްރީން ބުނަނީ އެފްއޭއެމުން ފުރަތަމަ ހުށަހެޅީ 3.3 މިލިއަން ރުފިޔާ މިނިސްޓްރީން ހޯދަން ކަމަށާއި އެވަރަކީ މާބޮޑު އަދަދެއް ކަމަށް އެފް އޭ އެމުގައި ބުނެފައިވާނެ ކަމަށެވެ. މިނިސްޓްރީން ފަހުން ބަޖެޓް ހެދިއިރު ގޭޓް ފައިސާ އާއި އޭއެފްސީން ދޭ ފައިސާގެ އިތުރުން ޚަރަދުވަނީ 1.02 މިލިއަން ކަމަށާއި އެފް އޭ އެމަށް ހޯދޭ ފައިސާ ހޯދުމަށްފަހު އިތުރުވާ ބައި ދޭން މިނިސްޓްރީން ވަނީ އެއްބަސްވެފައެވެ. އެއީ 4 ލައްކަ ރުފިޔާ އެވެ. އެހެންކަމުން މިއީ މިފަދަ މުބާރާތެއް ބާއްވަން މިނިސްޓްރީން ޚަރަދު ކުރަން ބޮޑު އަދަދެއް ކަމަކަށް އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެ އެވެ. ނަމަވެސް މައްސަލައަކީ ކަންތައްތައް ދިޔަ ގޮތެވެ. އެއްބަޔަކު އަނެއްބަޔަކު ބޮލަށް ފާކުރަން ތިބެގެން ގެއްލިގެން ދިޔަ ވަގުތެވެ.
ޗެލެންޖްކަޕް ކޮލިފައިން ރާއްޖޭގައި ފަށަން 10 ދުވަހަށްވުރެވެސް ކައިރިވެއްޖެ އެވެ. އެކަމަކު މުބާރާތުގެ އެއްވެސް ތައްޔާރީއެއް އެއްވެސް ދިމާއަކުން ނުފެނެއެވެ. މުބާރާތް ޕްރޮމޯޓް ކުރުމަށްޓަކައި އެއްވެސް ފަރާތަކުން މަސައްކަތް ކުރަމުންދާ މަންޒަރެއް ނުފެނެއެވެ. ބްރޮޑްކާސްޓިން ރައިޓްސްއަށް ހުޅުވާލައިގެން މުއްދަތު ހަމަވިތާވެސް މިހާރުވަނީ 3 ހަފްތާވެފައެވެ. ދިޓީވީ އާއި ޓީވީއެމުން ބިޑް ހުށަހެޅި މުބާރާތް ދޭނެ ބަޔަކުވެސް ނުނިންމައެވެ. މިއީވެސް މުބާރާތުގެ ޕްރޮމޯޝަނަށް ބޮޑު ހުރަހެއް އެޅޭނެ ކަމެކެވެ. ވަކި ބަޔަކު ކަނޑައަޅާފައި އޮތްނަމަ އެފަރާތުން މުބާރާތް ޕްރޮމޯޓް ކުރަން މަސައްކަތް ކުރާނެ އެވެ. އިޝްތިހާރު ދައްކާނެ އެވެ. ޕްރޮގްރާމްތައް ހަދާނެ އެވެ. ނަމަވެސް އެކަން ނުނިމި އޮތުމުން މެޗުތައް ސްޕޮންސަރުންނަށް ވިއްކާލަންވެސް އެފަރާތްތަކަށް ދަތިވާނެ އެވެ. މައްސަލައަކީ ވަގުތު ނެތުމެވެ. ބެލެވޭ ގޮތުގައި ބްރޮޑްކާސްޓިން ރައިޓްސް ދޭނެ ބަޔަކު ނިންމަން އަދިވެސް 4 ދުވަސްވަރު މަދުވެގެން ނަގާނެ އެވެ. ސަބަބަކީ އާއްމުންގެ އެސްއެމްއެސްއަށްވެސް ހުޅުވާލަން އެފް އޭ އެމުން ކުރި އިއުލާންގައި އޮތުމެވެ. އެކަމަށްވެސް ތިންދުވަސްވަރު ބޭނުންވާނެ އެވެ. އެހެންކަމުން ބްރޮޑްކާސްޓިން ރައިޓްސް ލިބޭނެ ބަޔަކު އެނގޭނީ މިހަފްތާ ނިމޭ ހިސާބުގައި ކަމަށް ބެލެވެއެވެ.
ރާއްޖޭގައި މުބާރާތް ބާއްވާއިރު ސާފްޗެމްޕިއަންޝިޕަށްވުރެ ކުލަމަޑުވާކަށް އެއްވެސް ފަރާތަކުން ބޭނުމެއް ނުވާނެ އެވެ. ނަމަވެސް އަދި މުބާރާތުގައި އެއްވެސް ކުލައެއް ނުޖެހެއެވެ.
-
އާދިތްތަ، އޭޕްރީލް 5 2009، 19:08
ދެބައިމީހުން ކުރި ފައިޓަށް ވަރަށް ކުޑަކޮށް ބަލާލެވިފަ އޮތީމަ ވަރަށް ފަޅު. އަޅުގަނޑަށް ޔަގީން މިފަހަރު އޮގަނައިޒިން ވަރަށް ދަށްވާނެކަން. ސަޕޯޓަރުން ދުވަހަކުވެސް ދެގޮތެއް ނުވާނެ. އެކަމު އޯވަރއޯލް ކޮށް ވަރަށް ފަނޑުވާނެކަމަށް ފެންނަނީ.