

ށާށީ 3
(ށާށީ 2 އާއި ގުޅޭ)
6. މަންމައަށް ލިބުނު ހައިރާންކަން
އާދުވަހަކަށް ދުނިޔެ ހޭލިއެވެ. އެއީ މުޅިން ތަފާތު ދުވަހެކެވެ. ތަފާތުވަނީ އެދުވަހު ހިނގާހާ ކަންކަމެވެ. އެދުވަހުގެ އިރަކަށް ބަދަލެއް ނާދެއެވެ. އެއީ މީގެ އެތައް މިލިއަން އަހަރެއް ކުރިންވެސް ހަމަ އެރި އިރެވެ. ބަދަލުވަނީ އިންސާނުންނަށް އެއިރުން ލިބޭ, އަށްވާ. ހޫނެވެ. އެކަމުގެ މެދުވެރިއަކީ ވިލާތަކާއި, އެހެނިހެން ބާރުތަކެވެ. ނަފީސްވެސް ހަމަ އެފަދައެވެ. އެއީ ނަފީސެވެ. ހަމަ އެނަމެވެ. އެނަމަކަށް ބަދަލެއް ނާދެއެވެ. އެކަމަކު, ސަބަބު ތަކަކާ ހެދި ނަފީސް ބަދަލުވީއެވެ. ރޭ ހަތަރުދަމު ކުރިކަމަކީ އެޔެވެ. އޭނާ ވިސްނިއެވެ. ކުރާނެ ކަމަކާ މެދުއެވެ. މާލެ ނޫން ތަނެއްގައި ކިޔަވަން ބޭނުން ނުވާތީ އެކަމާއެވެ.
އެހެން ދުވަސް ދުވަހެކޭ އެއްފަދައިން އޭނާގެ މަންމައައިސް ގޮވާލިއެވެ. އެއަޑަށް ނަފީސް ތެދުވިއެވެ. މާބޮޑު ޝަކުވާއެއް ނުކުރެއެވެ. މަންމައަށް ލިބުނީ ހައިރާންކަމެވެ.
” ދެން ނުނިދާތި! މަންމަ ދާއިރަށް ނޯންނާތި! އަވަހަށް ދޭ ފާޚާނާއަށް އިނގޭ! މިހާރު ގަޑި ޖެހެން އެއުޅެނީ“ މަންމަގެ ވާހަކަ ހުރީ އެހެން ދުވަސް ދުވަހުވެސް ވާހަކަ ހުންނަ ގޮތަަށެވެ.
އެނދާ ދިމާކުރިމަތީ ހުރި ހަރުގައި އަޅުވާފައި ހުރި ތުވާލި ހިފައިގެން ނަފީސް ހިނގައިގަތީ, ފަޚާނާ އާ ދިމާއަށެވެ. މަންމަވެސް ހިނގައިގަތީ, ބަދިގެއާ ދިމާއަށެވެ. އެމަންމަގެ ސިކުޑި ޤަބޫލެއް ނުކުރިއެވެ. އަނެއްކާވެސް މިސްރާބު ބަދަލުކޮށްލީ ނަފީސްގެ ކޮޓަރިއާ ދިމާއަށެވެ. އެއީ އާއްމު ކަމެކެވެ. ބައެއް ފަހަރު ވަރަށް ފަސޭހައިން ތެދުވާނެއެވެ. އަދި އެއަށްވުރެ އަވަހަށް ފާޚާނާއާ ދިމާއަށް ދާނެއެވެ. އޭނާގެ މަންމަ ހިނގައިގަތުމާއެކު, އަނެއްކާވެސް ގޮސް އެނދުގައި އޮށޯންނާނެ އެވެ.
މަންމައަށް ބޯޖަހާލެވުނީ އެވެ. އޭނާގެ ދަރިފުޅުގެ އެޢަމަލަށް އިތުބާރު ނުކުރެވުނީތީ އެވެ. ދަރިފުޅަށް އިތުބާރު ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟ އެއީ ހަމައެކަނި ހުރި ދަރިފުޅެވެ. އޭނާއަށް އަދި ނުވިސްނެނީ އެވެ. އަދި ވިސްނޭނެ އެވެ. ކޮންމެ މީހަކަށްވެސް ވިސްނޭނެ އެވެ. ތަފާތުވަނީ ވިސްނޭ މުއްދަތެވެ. އެކަމަށް ނަގާވަގުތެވެ. ނަފީސަށްވެސް ވިސްނެނީ ކަންނޭނގެއެވެ. ނޫނެކެވެ. އޭނާ ދެރަވީއެވެ. އެހެން ނޫންނަމަ އެހާ އަވަހަކަށް ނުތެދުވާނެ އެވެ. އެތައް ޚިޔާލުތަކަކާއެކު ނަފީސްގެ މަންމަ ބަދިގެއާއި ދިމާއަށް އަނެއްކާވެސް ހިނގައިގަތެވެ.
ފެންވަރާ ނިމިގެން ނަފީސް ރީތިވާން ފެށިއެވެ. ޖެލްފުޅީގައި އަތްލުމަށްފަހު, އެފުޅި ބެހެއްޓި އެވެ. ދެން ނެގީ ކްރީމް ފުޅިއެވެ. އެއިން އެތިކޮޅެއް އަތަށް އެޅުމަށްފަހު, ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ކާއްތާލި އެވެ. އަދި ލޯގަނޑާ ދިމާއަށް, ބަލާލުމަށްފަހު, އިސްތަށިގަނޑުގައި ފުނާ އަޅަން ފެށިއެވެ. އެއަށްފަހު, ބެގީކޮށްލީ އެހެން ދުވަހާ ތަފާތުކޮށެވެ.
” ކޮބާ ދަރިފުޅާ! އަދިވެސް ނުނިމޭތަ! މިހާރު އެއޮތް ގަޑި ޖެހެނީނު! އަދި ތިހުރީ ސައިވެސް ނުބޮއެއްނު“ ކޮޓަރިއާ ދިމާއަށް މިސްރާބު ޖަހާފައިވާ މަންމަގެ އަޑު ނަފީސްގެ ކަންފަތުގައި ޖެހުނެވެ. ނަފީސް އެއްޗެކޭ ބުނަން އަނގަހުޅުވާލިއިރު މަންމަހުރީ ކޮޓަރީގެ ދޮރުމަތީގަ އެވެ. މަންމައަށް ލިބުނީ ހަައިރާން ކަމެވެ. ނަފީސް އެހެން ދުވަސް ދުވަހާ ތަފާތު ކަމުންނެވެ. ނަފީސްއަށް އައިސްފައިވާ ބަދަލުގެ ސަބަބުންނެވެ. މިއަދު ނަފީސް ހާދަ ރީއްޗެވެ. ހާދަ ރަނގަޅެވެ. އަބަދުވެސް އެގޮތަށް ހުންނާނެ ނަމައެވެ. އޭރުން މުދައްރިސުންވެސް ހަޅޭއްލަވާކަށް ނުޖެހޭނެ އެވެ. ރުޅިއައިސްގެން ނަފީސްއާ ދިމާއަށް އަޑުލާކަށްވެސް ނުޖެހޭނެ އެވެ. ނަފީސްއާއެކު މަންމަވެސް ހިނގައިގަތީ ކާގެއާ ދިމާއަށެވެ. އޭރު ނަފީސްގެ ބައްޕަވެސް ކާގެއަށް އައިސްވަންނަނީ އެވެ.
” ކޮބާ! މަންމާ! މިހާރު ކިހިނެއް އެކަން އޮތީ!“ ނަފީސް ކުރީ ސުވާލެކެވެ.
” ކޮންކަމެއްތަ؟ އަނެއްކާ!“ ނަފީސްގެ މަންމަ އެނގޭކަމަކަށް ނުހެދި އެވެ.
” މަންމަ ބުނީމެއްނު. އިއްޔެ! އެކަމާ ވިސްނާނަމޭ! މިހާރު ހުންނާނީ ވިސްނިފައި“ ނަފީސް ބެލީ ހަނދާން ކޮށްދެވޭތޯ އެވެ.
”ދަރިފުޅާ! މަންމަ އިއްޔެވެސް ބުނީމެއްނު. ދަރިފުޅު ރަނގަޅުވެއްޖެނަމަ, މާލެއަށް ބަދަލުކުރާނޭ! އެރަށަށް ގޮސްވެސް ދަރިފުޅަށް ކިޔެވޭނެ“ މަންމަ ބެލީ ނަފީސަށް ވިސްނާދެވޭތޯ އެވެ.
” ނޫން. ނޫން. ނުދާނަން. މިހާރު އަހަރެން ކިހާ ރަނގަޅު! މިހުރީ ބޯވެސް ރީތިކޮށް ފުނާ އަޅާފައި. ބެގީވެސް ރީތިކޮށް ޖަހާފައި. އަހަރެން ރަނގަޅުވިޔަސް މަންމަ ބޭނުންވަނީ އެރަށަށް ފޮނުވަންދޯ! ނަފީސް ކުރީ ސުވާލެކެވެ.
” އެންމެ ރަނގަޅު ދެން. ދަރިފުޅު މިއޮތް ހުރިހާ ދުވަހު މަންމަމެންގެ ބަސްނާހާ ތިއުޅުނިއްޔޯ؟ ކުލާހުގައި ސަކަރާތް ޖަހާ ނުކިޔަވާ ތިއުޅުނިއްޔޯ؟ މިއަދު ރަނގަޅަށް ހުއްޓަސް ބައްޕަމެން ޤަބޫލު ކޮށްފާނަށް ދަރިފުޅު ރަނގަޅުވީ ކަމަށް, އެކަމަކު ސްކޫލުން ޤަބޫލު ކުރާނެތަ؟ ނިކަން ބުނެބަލަ! ބައްޕައަށް ޤަބޫލު ކުރެވިދާނެ އެކަމަކު އެމީހުން ޤަބޫލެއް ނުކުރާނެ.“ ވާހަކަތައް އަޑުއަހަން އިން ބައްޕަ ދެއްކި ވާހަކަ އަޑުއަހާ, ނަފީސް މަޑުވި އެވެ. ބައްޕަގެ ކުރިމަތީ ނަފީސަށް ޒުވާބު ކުރާކަށް ނުކެރެއެވެ. އޭނާ ޖެހިލުންވެ އެވެ. އެއަށްވުރެ ބޮޑަށް ބައްޕަ ދެއްކި ވާހަކަތައް ޤަބޫލުކުރަން މަޖްބޫރުވީ އެވެ. އެއީ އެކަންވާނެ ގޮތްކަން ވިސްނުނީ އެވެ.
7. ނަފީސްގެ ޚިޔާލު ބަދަލުވުން
ނަފީސް ސްކޫލަށް ދިޔައެވެ. ބަދަލުވުމަށް އަޒުމެއް ކަނޑައަޅައިގެންނެވެ. އެއަޒުމުގައި ވަނީ މޮޅުކުއްޖަކަށް ވުމެވެ. މަންމައާއި ބައްޕަ އެދޭ ފަދަ ބަސްއަހާ ކުއްޖަކަށްވު މެވެ. ގެއިން ނިކުންއިރު ހުރި އަޒުމުގައި ނަފީސަށް ހުރެވުނީ ސްކޫލު ދޮރާށިން އެތެރެވަންދެނެވެ. އިސާހިތަކު އެއަޒުމް ބީވެއްޖެ އެވެ. ރައްޓެހިންގެ އަޑުފަށްގަނޑާ, ހަރަކާތްތަކުން ބަދަލުވެއްޖެ އެވެ.
”ކޮބާ؟ މިހާރު އެރަށަށް ދާން ތައްޔާރުތަ؟ މަޖާ އަރުވާލަން ވާނެދޯ؟ އެނގިދާނެތާ! އަހަރެމެން މަތަވާނެތަ އެތަނަށް ގެންދިޔަޔަސް ދޯ؟“ ހަމްދާން ބޭނުންވީ ނަފީސް ބައިވެރި ކުރާށެވެ.
” ނޫން. އަހަރެން އެހާ ދާހިތެއް ނުވޭ! އެތަނުގައި އުޅެންޖެހޭނީ ކޮންގޮތަކަށްކަންވެސް ނޭނގެއެއްނު. ކޮންމެ ފަދަ ހާލެއްވެސް ޖެހިދާނެ“ ނަފީސް އޭނާގެ ޚިޔާލު ފާޅުކުރި އެވެ.
” މަހްމޫދާ, އައްޔައާއި, ހާމިދުވެސް ދާނެ! އަނެއްކާ އިފާޔާ, އަލްމާވެސް ދެޔޭ! މަޖާވާނެޔޭ! ދާންވާނެ“ އަނެއްކާވެސް ހަމްދާން ފެށިއެވެ.
” ނޫން! ހަމްދާނަކަށް ނޭނގޭ! އެތާނގަ ބޭނުންގޮތަކަށް ނޫޅެވޭނޭ. ތިހީކުރާ ކަހަލަ ތަނަކަށް އެތަނެއް ނުވާނެ. ތީ ހަމްދާނަށް ހީވާ ގޮތް. ތީ މޮޔަޚިޔާލެއް“ ނަފީސަށް ހަމްދާނުގެ ބަސް ގަބޫލެއް ނުކުރެވުނެވެ.
ކުލާހުގައި ދައްކަމުން ދިޔައީ އެވާހަކަ އެވެ. ފަޅުރަށަށް ގޮސް ކަންތައް ކުރާނެ ގޮތުގެ ވާހަކަ އެވެ. ނަފީސް ފިޔަވާ އެހެން ކުދިން ތިބީ ދާގޮތަށެވެ. ދާން ބޭނުން ނުވަނީ ނަފީސް އެވެ.
” ނަފީސް ހާދަ ފަންޏެޔޭ. ނަފީސް ނުދަންޏާ އަހަރެމެންނެއްވެސް ނުދާނަން. އަހަރެމެން މައްސަލަވެސް ޖައްސާނަން. ނަފީސް ނުގެންދަންޏާ.“ ހަމްދާން ބުންޏެވެ.
ހަމްދާން ބޭނުންވަނީ ނަފީސްގެ ބޮލަށް އެރިގެން އޭނާގެ ޚިޔާލު ބަދަލު ކުރުވާށެވެ. އެންމެ ފަހުން ނަފީސް ބަދަލުވި އެވެ. އޭނާވެސް ދާނެ ވާހަކަ ބުނީ އެވެ. އެކަމަކު ދާހިތަކުންނެއް ނޫނެވެ. އެކުދިން ކިޔާތީ އެވެ.
” މަންމަ މެން ބޭނުން ވަނީ އަހަރެން ފޮނުވަން. އެހެންވީމާ ނުދާންވީ ސަބަބެއް ނެތެއްނު ދޯ؟“ އެކުދިންނާ އެއްބައިވަމުން ނަފީސް ބުންޏެވެ.
” ނޫން އެކަމަކު ނުދާނަން. ގޮސްގެން ކިހިނެއްވާނީ. އަހަރެން ދާހިތެއްނުވޭ. މަންމަމެންނާ ވަކިން އުޅެވޭނެތަ؟ ނޫޅެވޭނެ.“ އަނެއްކާވެސް ނަފީސްގެ ޚިޔާލު ބަދަލުވި އެވެ.
” ތިޔޭ މައްސަލައަކީ. ތިހާއަވަހަށް ޚިޔާލު ބަދަލުވާ އެއްޗެއްނޫން. އަހަރެން މިބުނީނު މަޖާވާނޭ. އަހަރެމެން މިތިބީ ނަފީސާއެކުގައޭ. ހާސްނުވޭ. ފަހުން އަހަރެމެން ނުބެލިހެއްޓިގެން މާލެ ގެންނާނެ,“ އަނެއްކާވެސް ހަމްދާނު ބުންޏެވެ.
ނަފީސްމެން ތިބީ ވާހަކައިގަ އެވެ. ވަގުތުތައް ދިޔަގޮތްވެސް ނޭނގެއެވެ. އެހެން ދުވަސްތަކަށްވުރެ ކުލާސް އޮތީ މައިތިރިވެފަ އެވެ. ޓީޗަރަކު ނުދުރުވިޔަސް ކޮޅަށް ތެދުވެ އުޅޭކުއްޖަކު ނެތެވެ. ނަފީސްމެން ތިބީ ފަޅުރަށަށް ގެންދާތީ އެކަމާ މަޝްވަރާ ކުރާށެވެ. ދެންތިބި ކުދިން ތިބީ އެކުދިން ގެންގޮސްފައިނެތީ ބިރުން ތެދުވަން ނުކެރިފަ އެވެ. ޓީޗަރު ކުލާހަށް ދުރުވުމާއެކު ހުރިހާ ކުދިން ކޮޅަށް ތެދުވި އެވެ. އަޑުމަޑުވެފައިވާ ކުލާހުގެ ހިމޭކަން ފޫދުއްވާލީ ހަމްދާނުގެ ބާރު ހިނިގަނޑަކުން ނެވެ.
” މިސް. ޝައްމޫން ވައްތަރު ޖައްސަނީ,“ ހެމުން ހެމުން ހަމްދާން ބުންޏެވެ. މިސް ގޮވީ ޝައްމޫނަށެވެ. ހައިރާންވެ ހުރެ ޝައްމޫން ކުލާސް ކުރިމައްޗަށް އައެވެ. ” ކީއްވެ ވައްތަރު ޖެއްސީ. ކުލާސް މާމަޑުން އޮތީ ދޯ. އެއްވެސް އިހްތިރާމް ކުރުމެއް ނޯވެދޯ. ތީ ތަންކޮޅެއް ބޮޑުވަރު. އިއްޔެވެސް ކިހާނަސޭހަތެއް ދިނީ. އެކަމަކު މިއަދުވެސް....“ އެއްފައްްޗަކަށް މިސް އަމުނާލެއްވި އެވެ.
” މިސް އަޅުގަނޑު ކީއްތަ ކުރީ.؟“ ޝައްމޫން ކުރީ ސުވާލެކެވެ. އެސުވާލާއެކު ހުރިހާ ކުދިންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
” ކުރެވުނު ކަމެއް ނޭނގެ. ހަމަމިހާރު ދޭ ބޭރަށް. ކުރެވުނު ކަންތައް އެނގޭނީ ސްޕަވައިޒަރ ރޫމަށް ފޮނުވާލީމާ. މިއަދު ޖެހޭނެ ކުރެވުނު ކަމެއް ހޯދަން.“ މިސް އިތުރަށް ރުޅިދުރުވީ އެވެ. އެރުޅީގައި ޝައްމޫން ސްޕަވައިޒަރ ރޫމަށް ގެންދިޔައީ އެވެ. ޝައްމޫން ގޮވައިގެން މިސް ނުކުންނެވުމާއެކު ހަމްދާން ކޮޅަށް ތެދުވެ, ނަފީސްގެ އަތުގައި އަތްޖަހާލި އެވެ.
” ކޮބާ؟ ކާމިޔާބު ވީނު. މަބުނީމެއްނު ލަނޑެއްދޭނަމޭ. އެހެން މަޑެއްކޮށް ނުއިނދެވޭނެޔޭ. އެއޮތީ ލަނޑު ލިބިފައި. މިފަހަރު އޭނާވެސް އެރަށަށް ގެންދާގޮތަށް ހަމަޖައްސާނެ ކަންނޭގެ.“ ހަމްދާން ބުންޏެވެ. އިރުކޮޅެއް ފަހުން ކުލާހަށް ދުރުވީ ސްޕަވައިޒަރ ނައީމެވެ. ސްޕަވައިޒަރު ދުރުވެ ނަންތަކެއް ކިޔުއްވަން ފެއްޓެވި އެވެ. ހަމްދާނާއި ނަފީސްގެ އިތުރުން ބައެއްކުދިން ކުލާހުން ނުކުންނަން ޖެހުނެވެ.
” ހުރިހާ ކުދިން ދާންވީ ފޮތް ދަބަސް ހިފައިގެން ތިރިއަށް. ހޯލަށް,“ ސްޕަވަޒަރު ބުނުއްވި އެވެ.
” ސަރ އަޅުގަނޑުމެން ކަމެއް ނުކުރަން. ދެންކީއްވެ ތިގެންދަނީ. ހާދަ ހެއްވައޭ.“ ޝައްމޫން ކުރީ ޝަކުވާއެވެ.
” ކަމެއް ކޮށްގެން އެބައުޅޭތަ. މިގެންދަނީ ބައްދަލުވުމަކަށް.“ ސްޕަވައިޒަރުގެ ޖަވާބު ވަރަށް ކުރެވެ.
ތިރިއަށް ފޭބުމާއެކު އެއީ ފަޅުރަށަށް ގެންދާ ކުދިންގެ ބައްދަލުވުމެއްކަން ހުރިހާ ކުދިންނަށްވެސް އެނގުނެވެ. އަދި މިނިސްޓްރީގެ ބޭފުޅުންނާއި ބެލެނިވެރިންވެސްވެސް ތިއްބެވިކަން އެކުދިންނަށް އެނގުނެވެ. އިސާހިތަކު ބައްދަލުވުން ފެށުނެވެ. ހުރިހާކަމެއް ހަމަޖެހިފައި ހުރިކަމާއި, ދެދުވަސްތެރޭ ފުރަންޖެހޭ ކަމާއި, ކަންތައްތައް ކުރަންވީ ގޮތުގެ މަޝްވަރާތައް ކުރެވިގެން ދިޔައެވެ. އެކި ޚިޔާލުތައް ފާޅުކުރެވުނު ނަމަވެސް ބައްދަލުވުން ނިމިގެންދިޔައީ އެއްބަސްވުންތަކަކަށް އާދެވިގެން ނެވެ. އެވާހަކަތަކާއި ކަންކަން އަޑުއެހުމަށް ހުރިހާ ކުދިންވެސް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ތިއްބެވެ. އެއްވެސް ސަކަރާތެއް ނުޖަހައެވެ. ކުޑަކޮށް ހީލާ ހެދިނަމަވެސް ބާރަށް ވާހަކަދައްކާކަށް ނުކެރެ އެވެ. އަޑެއް އިވޭއިރަށް ކުދިންގެ ސަމާލުކަމަށް އެކަން ގެންނަމުން ކުރިއަށް ގެންދިޔަ ބައްދަލުވުން ނިމުނީ 2 ގަޑިއިރުގެ ވާހަކަތަކަކަށް ފަހުއެވެ.
ކޮންމެ ބެލެނިވެރިއަކުވެސް އެމީހެއްގެ ދަރިފުޅުގެ އަތުގައި ހިފައިގެން އެނުކުންނަނީ އެވެ. ދެން އެސްކޫލަށް ނުގެންނާނަމޭ ބުނަމުން ނެވެ. ދަރިފުޅުގެ ހިތަށް އަރާ ފައިބާ ޝުއޫރުތަކެއް މަންމަމެން ދެނެގަންނާން ބޭނުން ނުވާފަދަ އެވެ. ސަކަރާތް ޖެހިއްޖެ އެވެ. މަންމަމެން ލަދު ގެންނުވިއްޖެ އެވެ. ރޮއްވިއްޖެ އެވެ. މިއަދު ކިތަންމެ އާދޭހެއްކުރިޔަސް ފަރުވާލެއް ނެތެވެ. ފަހުން ފައިދާވާނީ ދަރިފުޅަށެވެ. މިއީ ބައެއް ބެލެނިވެރިން އެމީހުންގެ ދަރިފުޅަށް ދެމުންދިޔަ ނަސޭހަތެވެ. އެނަސޭހަތް ގަބޫލު ނުކުރަނީ ނަފީސެވެ.
” މަންމާ ޕްލީޒް. ދުވަހަކު ކަމެއް ކޮށްދެންޏާ އަހަރެން އެރަށަށް ނުފޮނުވާތި. އަހަރެންނެއް ނުދާންނަން. މާންމާ! އަހަރެން ބަސްއަހާނަން. މަންމާ! އަހަރެން ނުފޮނުވާތި. އަހަރެންނެއް ނުދާނަން.“ ނަފީސަށް އުޅެވޭގޮތް އޭނާއަކަށް ނޭނގެ އެވެ. ކައިރީގައި ޓީޗަރުން ތިބިކަމެއް ނުދެނިހުއްޓެވެ. އެހެން ކުދިން ފެނުމާއެކު ނަފީސްގެ ލޯފުހެލި އެވެ. އަދި ނުރޯކަން އެނގުމުގެ ގޮތުން ބޯތަޅުވާލި އެވެ. ހުރިހާކަމެއް ކުރީ ޓީޗަރުން ނެވެ. އެމީހުން އަހަރެމެން ފޮނުވާލަނީ އެވެ. ކިޔަވާދެން ނޭނގުމުން ނެވެ. ކުޑަކުދިންތަކެއް މަތަކުރާކަށް ނުދަންނާތީ އެވެ. ކިހާ ހެއްވާކަމެއް ހެއްޔެވެ. އެޑިއުކޭޝަނަށްވެސް ފެނުނު އެންމެ ރަނގަޅު ގޮތަކީ އެއީ އެވެ. އެންމެ ރަނގަޅެވެ. ދެން ދުވަހަކުވެސް މިތަނަކަށް ނާންނާނަމެވެ. މިހިސާބުން ނިމުނީ އެވެ. އިރާދަކުރެއްވިއްޔާ އަދި އެމީހުން އަހަރެން ފަހަތުން އަންނާނެ އެވެ. އެނގިދާނެތާއެވެ. ކިޔެވީމާ ހުރިހާކަމެއްވެސް ވާނެ އެވެ. އެދުވަސް އަދި ދައްކަވާނެ އެވެ.
ނަފީސްއޭނާގެ ހިތުން ދައްކަމުން ދިޔަވާހަކަތަކަށް ނިމުން ގެނައުމަށް ބަލާލީ ސްކޫލާ ދިމާއަށެވެ. ދަނބުކުލައިގެ ސްކޫލުން މިއަދު އޭނާ ނުކުމެގެންއެދަނީ ރޮމުން ނެވެ. އެތަނުން ބޭރުކޮށްލީކަމަށް ބުނަމުން ނެވެ. އެނބުރި އެތަނަށް ނާންނާނެ ކަމަށް ބުނަމުން ނެވެ.
(ނުނިމޭ)