ގޭތެރެ ސާފުކޮށް ބެލެހެއްޓުމަށް!

އައިޝަތު ރިޒްނާ ފެބްރުއަރީ 6 2009، 17:16 3 ޚިޔާލު

ޑެސްޕަރޭޓް ހައުސް ވައިވްސް ބައްލަވާ ބޭފުޅެއްނަމަ ބްރީ ވެންޑިކެމްޕް ގެ spotless home ޕަރސަނަލިޓީ ވަރަށް ރަގަޅަށް އެގި ވަޑައިގަންނަވާނެއެވެ. ބްރީ ވެންޑިކެމްޕް ދައްކުވައިދެނީ ގެތެރޭ އެއްވެސް ހިސާބެއްގައި ޕޮލިޝް ކޮށް ނުލާ އެއްމެ ތަންކޮޅެއް ހުއްޓަސް ލޮލަށް ނިދި ނާންނަ ގެވެހި އާދަޔާ ޚިލާފަށް ތަންތަން ސާފުކުރުމަށް ޝައުޤު ވެރިވާ އަންބެއްގެ ރޯލެވެ. ހަމަ ކޮންމެ މީހަކީވެސް އެމީހެއް ދިރިއުޅޭ ތަން ވީހާ ވެސް ސާފުތާހިރުކޮށް ހުރުމަށް އެދޭނެ މީހެކެވެ. އެކަމަކު މިއީ ގިނަ ވަގުތު ތަކެއް އެކަމަށް ޚާއްސަ ކުރަން ޖެހޭ ކަމެކެވެ. ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނާއި ފަރުނީޗަރ ފަދަ ތަކެތި އަތުރާލެވިފައި ހުންނަ ހުރުމަކީވެސް އޭގެން ތިމާގެ ފާޑުވެރިކަން ދައްކުވަދޭނެ ކަމެކެވެ. ޖާގައިގެ ދަތިކަމާއި ކުރިމަތި ލާން ނުޖެހޭ ވަރުގެ ނަސީބުވެރިއެއް މަދުވެފައިވާ މި ޒަމާނުގައި ބަލަން ޖެހިފައިވަނީ ކުޑަ ޖާގައެއް ވީހާވެސް ބޮޑުކޮށް ތަނަވަސް ކޮށް ދައްކުވައިދެނިވި ގޮތަކަށް ތަކެތި އަތުލާލުމަށާއި ވިހާވެސް ސާފުތާހިރު ކޮށް ބެހެއްޓުމަށެވެ.އެހެނަސް މިއީ ވަރަށް ބުރަ ކަމެކެވެ. ކޮންމެ ކޮންމެ މީހަކަށް މިހާ ޝައުޤު ވެރިކަން ދީ ގެން އެވަރަށް ކުރާ ހިތުން ކުރެވިދާނެ ކަމަކަށް މިކަން ނުވެއެވެ. ޚާއްސަކޮށް ގިނަ ބައެއް ދިރި އުޅޭ ތަނެއްގައި ދިރިއުޅެން ޖެހިފައި ދެން ތިބޭ މީހުން އެމީހުން ގެ ވާޖިބު އަދާ ނުކުރަންޏާ މިއީ ވަރަށް ފޫހި ކަމަކަށް ވެދެއެވެ. ގޭތެރެ ޒީނަތްތެރިކޮށް ސާފު ކޮށް ހުރުމުން ކިތައްމެ ހިތަށް ފިނިކަން ލިބުނު ކަމުގައި ވިޔަސް އެހެން މީހުން ހަޑި ކޮށްފަ ހުންނަ ތަންތަން ތާ އަބަދު ސާފުކޮށް ބަލަހައްޓަން ޖެހުމަކީ ވަރަށް ފްރަސްޓްރޭޓިންގ ކަމެކެވެ. ގޭތެރެ އަވަހަށް ހަޑިވުމުގެ ސަބަބު ތަކުގެ ތެރޭގައި ތަނަށް އެކަށީގެންވާ ވަރަށް ވުރެ ގިނަ މީހުން ދިރި އުޅުން، ކުޑަ ކުދިން، ގޭތެރޭ ގެންގުޅޭ ޕެޓްސް ނުވަތަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އަދި ގިނަ ވަގުތު މަސައްކަތުގައި ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން ގޭގައި ހޭދަ ކުރަން ލިބޭ ވަގުތު މަދު ވުން ފަދަ ސަބަބު ތައް ހިމެނެއެވެ. މި އާޓިކަލް ގައި ގޭތެރެ ސާފު ކޮށް ބެހެއްޓުމަށް ކުރެވިދާނެ 10 ކަމެއް އަޅުގަނޑު ހިމަނާލެވޭތޯ ބަލާނަމެވެ.

ގޭތެރެ ސާފު ކޮށް ބެހެއްޓުމަށް # 1: އާއްމުކޮށް ބޭނުން ނުކުރާ ސާމާނު އުކާލުން ނޫނީ މަދު ކޮށްލުން:

މިއީ ވަރަށް އުދަގޫ ކަމަކަށް ވެދާނެއެވެ. ޚުދު އަޅުގަނޑަކީވެސް އެފަދަ މީހެކެވެ. މިފަދަ ބޭނުން ނުކުރާ ކިތައްމެ ސާމާނެއް ހުރެމެ އުކާލަން ނުކެރި ބަހައްޓިފައި ހުރެއެވެ. އެކަމަކު ޖާގައިގެ ދަތިކަމާހުރެމެ މަދު މަދުންނަމަވެސް މި ފަދަ ބައެއް ތަކެތި މަދު ކުރަން މަޖްބޫރުވެގެން އުކާލަމެވެ. މި ކަހަލަ އެއްޗެތި ފުނި ޖެހިފައި ހުރުމަކީވެސް ގެ ވަރަށް ހަޑިކަމަށް ދައްކާ ކަމެކެވެ. ބޭނުން ކުރެވޭ އެކަމަކު ބޭނުން ނުކޮށް ގިނަ ދުވަސް ތަކެއް ވަންދެން ބެހެއްޓުމުގެ ބަދަލުގައި މީހަކަށް ދިނުމަކީވެސް އެއްލާލުމަށް ވުރެ ރަގަޅު ގޮތެކެވެ.

ގޭތެރެ ސާފު ކޮށް ބެހެއްޓުމަށް # 2: މަސައްކަތް ތައް ބަހާލުން :

ގޭގައި ނުވަތަ ދިރިއުޅޭ އެޕާޓްމަންޓް ނޫނީ ކޮޓަރި އެއްގައި ވިޔަސް އެކީ އުޅޭ މީހެއް ނުވަތަ ބަޔަކާ ހިއްސާވާނެ ހެން ގޭތެރޭ އެކި އެކި މަސައްކަތްތައް ޑިއުޓީ އުސޫލުން ބަހާލައިގެން ކުރުމުން މަސައްކަތް ތައް ލުއި ވެގެން ދެއެވެ. ހަށިގަނޑުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރި ކޮންމެ މީހަކީވެސް ޒިންމާއެއް ލިބިގެންވާ މީހަކަށް ވާނެޖެހެއެވެ. ދިރިއުޅެނީ ބަޔަކާ އެކުގައި ކަމަށްވާނަމަ ތަންތަން ސާފުކޮށް ތާހިރު ކުރުމަކީ ހަމައެކަނި ތިމާގެ ޒިންމާއެއް ކަމުގައި ވެގެންނުވާނެއެވެ. އެއީ ހަމަ ކޮންމެ މީހަކުވެސް ހިއްސާ ވާންޖެހޭނެ ކަމެއް ކަމުގައި ހަދާށެވެ. މިސާލަކަށް ފާހާނާ ސާފުކުރުން ވަކިމީހަކަށް، ބަދިގެ، ކުނި އުކުމުގެ ޑިއުޓީ، ކުނިކެހުން ފަދަ ގޭތެރޭ ކޮންމެ ކަމެއްވެސް ވަކި އުސޫލަކަށް ބަހައިގެން ކުރަމުން ދިއުމުން ގޭތެރެ ސާފުކޮށްލުމަށް ނަގާ ވަގުތު އެތައް ގުނައެއް ސަލާމަތްވެ އަބަދު ސާފުކޮށް ބެހެއްޓުމަށް ފަސޭހަވެސް ވެގެންދާނެއެވެ.

ގޭތެރެ ސާފު ކޮށް ބެހެއްޓުމަށް # 3: ކައި ނިމުމުން ތަށިނަގާ ތަށިތައް ދޮވެ ސާފުކުރުން:

ފަހަށް ކުރަން އެއްވެސް ކަމެއް ލަސްކުރުމަކީ އެކަމެއް ގިނަވެ ފުނިޖެހި ނޫނީ ނުކުރެވި ދޫކޮށްލެވޭތަން ވަރަށް ގިނަ ފަހަރަށް ދައްކާ ކަމެކެވެ. ފަހުން ތަށިތައް ނަގާނީ އޭ ހިތައް އަރުވާލާފަ ނުބަހައްޓާށެވެ. އެހެން ވާންވެއްޖެނަމަ ހަމަ އެތަށިތައް ދެ ދުވަސް ނޫނީ އެއަށް ވުރެ ގިނަދުވަހަށްވެސް ހުރުން އެކަށީގެންވެއެވެ. ނަމަވެސް އެހެން މީހުނާ އެކު ދިރި އުޅޭ ނަމަ އެންމެން ކައި ނިމިގެން އެކަނި އެކަކަށް ތަށިތައް ނެގުމާއި ސާ ފުކުރުމުގެ ޒިންމާ ދޫކޮށް ނުލާށެވެ. ކުރިން ބުނެވުނުހެން މަސައްކަތްތައް ބަހާލައިގެން ކުރަން އާދަ ކުރާށެވެ.

ގޭތެރެ ސާފު ކޮށް ބެހެއްޓުމަށް # 4: ވެކިއުމް:

ހަފްތާގެ އެއްދުވަސް ވެކިއުމް ނުވަތަ ހިރަފުސް ފޮޅާ ދުހަވެއްގެ ގޮތުގައި ހައްދަވާށެވެ. އޭރުން މާބޮޑަށް ހަޑިވެ ހިރަފުސް ގިނަނުވެ ސާފުކުރަން ވެސް ލުއިވާނެއެވެ. އަދި ޓައިލްސްތައް ނުވަތަ ކާޕެޓްތައް ސާފުކޮށް ރީތިކޮށް އަބަދުމެ ހުންނާނެއެވެ.

ގޭތެރެ ސާފު ކޮށް ބެހެއްޓުމަށް # 5: ވަގުތުން ސާފުކުރުން ނުވަތަ ތަރުތީބު ކުރުން :

ކެއްކުމުގެ ތެރޭގައި އުދުން މައްޗަށް ތެޔޮ އެޅުނު ކަމުގައި ވިޔަސް ނުވަތަ ލާނެ ހެދުމެއް ހޯދަން ހެދުން އަލަމާރި އެފުށް މިފުށަށް ޖެހުން ކަމުގައި ވިޔަސް އެކަމެއް ކޮށް ނިމުމާއެކީ ހަޑި ވިތަނެއް ސާފުކޮށް ތަރުތީބު ކޮށްލާށެވެ. ގިނަ އަންނައުނުތަކެއް ފަށްޖަހާ އިސްތިރިކޮށް ތަރުތީބުން އެ ހުންނަންވާ ތަނެއްގައި އެތުރުމަކީވެސް ފުދޭވަރެއްގެ ވަގުތު އެ ކަމަށް ހޭދަވާނެ ކަމަކަށްވާއިރު އެހާ މަސައްކަތުން ތަރުތީބު ކޮށްފައި ހުރި ތަނެއް ހަޑިވުމާއެކީ އެވަގުތު އިހު ހުރި ގޮތަށް ތަރުތީބު ކޮށްލުމުން ކުރަންޖެހޭ މަސައްކަތުގެ ލޯޑު ކުޑަވާނެކަން ގައިމެވެ.

ގޭތެރެ ސާފު ކޮށް ބެހެއްޓުމަށް # 6: ލޯންޑްރީ ނުވަތަ އަންނައުނު ދޮވުން:

އަޅުގަނޑު ދެކޭ ގޮތުގައި މިކަމަށް އޮތް އެއްމެ ރަގަޅު ހައްލަކީ އެއްމެ ގިނަވެގެން މެޝިނަށް އެއްބުރަށް އެޅޭ ވަރަށް އަންނައުނު ދާ ވުމާއެކީ އެއްޗިސް ދޮވެލުމެވެ. އެއަށް ވުރެ ގިނަ ވަންދެން ބެހެއްޓިއްޖެނަމަ އެގޮތަށް ގިނަ ވަންދެން ނުބެހެއްޓުނު ނަމައޭ ޚުދު އަޅުގަނޑު އަމިއްލަ އަށް ހިތައް އަރާ ފަހަރު ދެއެވެ.

ގޭތެރެ ސާފު ކޮށް ބެހެއްޓުމަށް # 7: ކުދިން ބައިވެރި ކުރުވުން:

ކުޑަކުދިން އުޅޭނަމަ އެކުދިން ކުޅެން ގެންގުޅޭ ސާމާނު ކުޅެ ނިމުމުން

ނަގާ ކުޅޭ ވަށިގަނޑަށް ނޫނީ ހުންނަންވާ ތަނަށް ލުމަށް އާދަ ކުރުވާށެވެ. އެކަނި ނުލެވޭ ހާ ކުޑަ ކުއްޖެނަމަ ކުޅޭ އެއްޗެތި ނެގުމުގައި އެހީތެރިވެދޭށެވެ. ނޫނީ ކުދިން ރޭގަޑު ނިދުމުން ކޮންމެ ރެއަކުވެސް އެކި ދިމަދިމާލުގައި އުކާލެވިވެފައި ހުންނަ ކުދި ބޮޑު އެކި ޒާތުގެ ކުޅޭ ސާމާނު ނަގާ ގޭތެރެ ހަމައަކަށް އަޅުވާލުމުން ގޭތެރެ ތަނަވަސް ކޮށް ސާފުކަމަށް ދައްކުވައިދެއެވެ.

ގޭތެރެ ސާފު ކޮށް ބެހެއްޓުމަށް # 8: ޝެލްފް ނޫނީ އޯގަނައިޒާރސް ގެންގުޅުން:

މިއީ ގޭގައި ހަމަ ކޮންމެ ކޮޓަރިއެއްގައިވެސް ވަރަށް ބޭނުން ތެރި އެއްޗެކެވެ. ފައިވާން ނުވަތަ ބޫޓްތައް ގިނަ އަދަދަކަށް ގެންގުޅުއްވާނަމަ ކޮޓަރީގައި ބެހެއްޓޭނެކަހަލަ ޝޫ އޯގަނައިޒަރ އެއް ބެހެއްޓުން، ނޫނީ ބަދިގެ، ގަރާޖް ފަދަ ތަންތަނަށް ގިނަ ހަރުފަތްތައްލާފައި ހުންނަ ޒާތުގެ ކަބަޑްސެޓް، ހަރުގަނޑު ފަދަ ތަކެތި ގެންގުޅުއްވުމުން އެއްތަނެއްގައި ގިނަ ތަކެތި ރީތިކޮށް ތަރުތީބުކޮށް ބަހައްޓަން ފަސޭހަ ވާށެއެވެ.

ގޭތެރެ ސާފު ކޮށް ބެހެއްޓުމަށް # 9: ވަގުތުގެ ބޭނުން ކުރުން:

މަސައްކަތުގައި ގޭން ބޭރުގައި ގިނަ ވަގުތު ހޭދަ ކުރައްވަން ޖެހިވަޑައި ގަންނަވާ ބޭފުޅެއްނަމަ ގޭގައި ހޭދަ ކޮށްލަން ލިބޭ ވަގުތު ތަކުގެ ބޭނުން އޭގެ އެއްމެ އެކަށޭނެ ގޮތުގައި ހިފާށެވެ. މިގޮތުން އެއްމެ އާދައިގެ މިސާލެއްގެ ގޮތުން: ފޯނެއްގައި ސޯފާގައި ނުވަތަ އެދުގައި އޮށޯވެލައިގެން އޮވެ ވާހަކެ ދެއްކުމުގެ ބަދަލުގައި އެ ވަގުތު ކޮޅުވެސް އެހެން އުޅޭއިރު އެއްއަތުން ކުޑަދޮރުގެ ބިއްލޫރި ގަނޑެއް ސާފުކޮށްލުން، އިށިދެލައިގެން އިދެ ކަބަޑެއްގެ ނޫނީ ޑްރެސިންގ ޓޭބަލް ގެ ވަތްގަޑެއް ސާފު ކޮށްލެއްވުން ކަހަލަ ކަމެއް ކޮށްލެއްވިދާނެއެވެ.

ގޭތެރެ ސާފު ކޮށް ބެހެއްޓުމަށް # 10 : ފާހާނާ ސާފުކުރުން:

ފެންވެރުމަށްފަހު ލޯގަނޑު ، މޫނު ދޮންނަ ތަށި، ބާތް ޓަބް ފަދަ ތަންތަނުގައި ހަރުލާފައި ހުންނަ ސައިބޯނީގެ އަސަރުތައް ތެއް ތުވާލުކޮޅެއްފަދަ އެއްޗަކުން ފޮހެސާފޮ ކޮށްލައްވާށެވެ. ސައިބޯނީގެ އަސަރު ހަރުލާ ގިނަ ދުވަސް ވުމުން މުށިތަކާއި އިސްކުރުތަކުގައި ލައް ހަރުލާ ވަރަށް ހަޑި ކަމަށް ދައްކާނެއެވެ. މި ގޮތަށް މަދުވެގެން ހަފްތާ އަކު ދެފަހަރު ވަރު މިގޮތަށް ސާފުކުރައްވާނަމަ ފާހާނާ އަކީވެސް ހިތްގައިމު ތަނަކަށް ހެއްދެވިދާނެއެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. I think for those who have busy schedule, it is really difficult to consume the few spare time they get for some other work. So I think it would be better if we appoint somebody, like a house caretaker to do those work

    ބުރާސްފަތި، މާޗް 26 2009، 17:02
  2. މިއީ ވަރަށް ބޭނުންތެރި މަޢުލޫމާތު ކޮޅެއް. މިފަދަ މުއްސަދި މަޢުލޫމާތު ހިމަނުއްވާނެ ކަމަށް އުއްމީދު ކުރަން. އެކުވެރިޔެއް

    ބުރާސްފަތި، އޭޕްރީލް 9 2009، 15:07
  3. ވަރަށް ފުރިހަމަ ލިޔުމެއް.މިފަދަ ލިޔުންތަކުގެ ސަބަބުން ގޭތެރޭގެ މަސައްކަތް ނުކުރާ ފަރާތްތަކަށްވެސް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާނެކަން ޔަޤީން.....

    ހޯމަ، އޭޕްރީލް 20 2009، 12:14
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv