

ދަތުރުވެރިޔާ 7
މި ވާހަކައިގެ 7 ވަނަ ބައި ގެނެސްދެވުން ވަރަށް ބޮޑުތަން ލަސްވެގެން ދިޔަ ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ. އަދި މި ވާހަކައަށް ދެއްވި ޝައުގުވެރިކަމަށްޓަކައި ޝުކުރު ދަންނަވަމެވެ.
(ދަތުރުވެރިޔާ 6 އާއި ގުޅޭ)
“ ޝާހިދު ބުނަން ރަގަޅުވާހަކައެއް. ކަލެޔަކީ އަހަރެންގެ ރަޙުމަތްތެރިއެއް. ކަލޭވެސް ކަލޭގެ މަގާމުގައިހުރޭ. މިކަންތަކުގެ ތެރެއަށްވަދެ ބެހެންނޫޅޭ. ސިތާރާއަށް ކަންތައް ކުރަންވާގޮތް އެނގޭނީ މަށަށް. މިކަމުގައި ކަލޭގެ ރޯލަކީ އެނާ އަހަންނަށް ސެޓްކޮށްދިނުން. އެމީހުންނާ ކައިވެނީގެ ވާހަކަދައްކައިދިނުން. އެކަންތައް ކަލޭ ކޮށްފީމު. އެހެންވީމާ މިހިސާބުން ކަލޭގެ ބައި ނިމުނީކަމުގައި ހީކުރޭ. “ ޝާހު އޭނާ ދައްކަން ބޭނުން ހުރިހާ ވާހަކައެއް ދެއްކުމަށްފަހު ކާރަށް އަރައިގެން ނައްޓާލިއެވެ. ޝާހިދު ބުނާނެ އެއްޗެއް ނޭގި އަނގަހުޅުވިފައި ހުއްޓެވެ.
އިރުއޮއްސިއްޖެއެވެ. ރަތްވިލާތައް އުޑުމަތީގައި ވިހުރުވެފައިވެއެވެ. ސިތާރާ ސިޓިންރޫމަށް ނުކުތްއިރު އެމީހުންގެ ރަޙުމަތްތެރި ޖޯން އެތާގައި އިށީދެލައިގެންއިނެވެ. އޭނާ އިންގޮތުން ކޮންމެވެސް ކަމެއްވެފައި އިންހެން އޭނާއަށް ހީވިއެވެ. އެހެންވެ ވަރުވަރުން ސުވާލުކުރަންފެށިއެވެ. “ ޖޯން. ކީއްވެފައިތަ ތިއިންނަނީ ބިމަށް ތުންހަރައިގެން. “ އޭނާ އިނގިރޭސި ބަހުން އެހިއެވެ. “ މިއަދު މީ ޝާހިދުގެ އުފަންދުވަސް. އެކަމަކު އެއްވެސް މީހަކު އޭނައަށް ވިޝްކުރަންދާކަށް އޭނާ އެއްބަހެއްނުވޭ. ނޭގެ ކީއްވެކަމެއްވެސް. އޭނާ އެވާހަކައެއް ނުވެސްދެއްކި.” “ އެހެންތަ. މިއަދު މީ ޝާހިދުގެ ބާރތްޑޭ ތަ؟ އޯހ ގަދަ. ހާދަ އުފާވެއްޖޭ. އަހަރެން އޭނައަށް ގުޅާނަން. “ ސިތާރާއަށް ލިބުނު އުފާ ބަޔާންކުރަންވެސް ދަތިވިކަހަލައެވެ.
އޭނާ ހުރީ ވަރަށް އުފާވެފައެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް ޖޯން ބުނި އެއްޗަކުން ވިސްނާލަންޖެހިއްޖެއެވެ.” އޭނަ ބޭނުމެއްނުވެއޭ އެތަނަށް އެއްވެސް މީހަކު ދާކަށް. އަދި ފޯނުކުރާކަށްވެސް. “ “ މަ ތިއެއްބަލާލާނަމޭ. މަބަލާނަން އޭނަ އަހަންނާ ވާހަކަނުދައްކާ ފަރުޖެހޭތޯ.” ސިތާރާ ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ޖޯނަށް ބުންޏެވެ. ޝާހިދު ގަރާޖުގައި އިށިދެލައިގެންއިނެވެ. ފޯނަކަށްފަހު ފޯނެއް އަންނަމުންދެއެވެ. އޭން ކޮންމެ ފޯނަކަށްވެސް ޝާހިދު ނޫޅޭކަމުގައި ބުނެ ޖަވާބުދެނީ އޭނާ އަމިއްލައަށެވެ. އެންމެ ފަހުން އޭނާ އަށް އުދަނގޫވެގެން އޮޕަރޭޓަރަށް ގުޅާފައި ބުންޏެވެ. “ މީގެ ފަހުން އެއްވެސް މީހަކު ގުޅިއަސް ބުނޭ އަހަންނެއް ނޫޅެޔޭ. ބޭރަށޭ ދިޔައީ . އެނގިއްޖެތަ؟ “ އޭނާ ހަރުކަށިއަޑަކުން އޮޕަރޭޓަރަށް ބުންޏެވެ. ޝާހިދު ކުޑައިރުކޮޅަކު ފޯނުކައިރީގައި މަޑުކޮށްލިއެވެ. އަދި ކޮޓަރިއާ ދިމާއަށްދާން ހިނގައިގަތެވެ. އެވަގުތު އޭނާގެ މޫނަށް ގަދަ ލައިޓެއްގެ އަލި އެޅިގެންދިޔައެވެ. ޝާހިދަށް ކުއްލިއަކަށް ލޯމަރާލެވުނެވެ. އަދި މޫނުމަތީގައި އެތް އަތް ނަގާ އެޅިއްޖެއެވެ. ކުޑައިރުކޮޅަކު އޭނާ ހުއްޓެވެ. އަދި މަޑުމަޑުން އަތްނެގިއެވެ.
އެއީ އެތާގައި އުޅޭ މީހުންގެ ކަމެކެވެ. އެވަގުތު މުޅިތަނުން ހެޕީ ބާރތްޑޭގެ ރާގުގެ އަޑު އިވިގެންދިޔައެވެ. ---” ދެން އަހަރެން ކީއްތަކުރަންވީ ޝާހިދުގެ އުފަންދުވަސްވީމަ. އޭނަ އަހަންނަކަށް ޕާޓީއަކަށް ނުކިޔާނު. “ ޝާހު ފާޑަކަށް ފޫހިގޮތަކަށް ބުންޏެވެ. “ އޭނަ އެއްވެސް މީހަކަށް ނުކިޔައޭ. އޭނަ ހުރީ ވަރަށް އެކަނިވެފަ. އުދާސްވެފަ. އަހަރުމެން އެންމެންދެކެ ރުޅިއައިސްފަ. އަހަރުމެން އެންމެން އޭނަ ރުއްސަން ދާންޖެހޭނެނު. “” ދެން އަހަރެން ކީއްތަ ކުރާނީ. މިތަނުގައި އެކަނި އުޅެން ބޭނުންވާ މީހަކު އުޅެންޖެހޭނީ އެކަނި. “” އެކަމަކު އަހަރުމެން ހަދަނީ ތިހެންނަކުންނޫން. ގައިމުވެސް އަހަރުމެންނަކީ ރައްޓެހިން ދޫކޮށްލާ ބައެއްނޫން. އަހަރުމެންނަމަ ތިކަހަލަ ވަގުތެއްގައި ދޮރު ފަޅާލާފައިވެސް ވަދެގެންދާނަން. އޭނައަށް ވިޝްކުރުމަށްޓަކައި “ “ ސިތާރާ. ތިދައްކަނީ ރާއްޖޭގެ ވާހަކައެއްނު. މީ އެމެރިކާއޭ. މިތަން ތަފާތުވާނެ.”” އެކަމަކު ޝާހިދަކީ ކަލޭގެ ރަޙުމަތްތެރިއެއްނު. ހަދާންނެތުނީތަ އޭނަ ޝާހަށްޓަކައި ކޮށްދިން ކަންތައް.”” އެއީ އަހަންނަށްޓަކައި ކޮށްދިންކަމެއްނޫން. އެއީ އޭނަ ޑެޑީއަށްޓަކައި ކޮށްދިންކަމެއް. ޑެޑީ އިމްޕްރެސް ކޮށްގެން މިޔުޒިކް ކޮމްޕެނީއެއް ހުޅުވަން ބޭނުންވާތީ އޭނަ ކުރިކަމެއް އެއީ. އެނގިއްޖެތަ؟ ދެން އެކަމަކުވެސް އެންމެރަގަޅު. އަހަރެންމިދަނީ ޕާޓިއަކަށްދާން.”” ދެންއަޅެދަނީތަ؟ “” ސިތާރާ!!! ކަލޭ ދާންބޭނުމިއްޔާ ޑްރައިވަރާ އެކީގައި ދޭ. އަހަރެންގެ މައްސަލައެއްނެތް. އެކަމަކު އަހަންނަކަށް ނުދެވޭނެ. އާނ ބުނަން. ދަންޏާ ގޭގެ ކޮންމެވެސް ބާ ހަދިޔާއެއް ގެންދާނީ އިނގޭ.” ޝާހު ދާން ހިނގައިގަންނަމުން އެންމެފަހުގެ ވާހަކަވެސް ހަނދާންކޮށްދިނެވެ. ސިތާރާ ބުނާނެ އެއްޗެއް ނޭގިފައި ހުއްޓެވެ.
އޭނާ ބުނާނީވެސް ކީކޭހެއްޔެވެ؟ ޝާހު އަބަދުވެސް އުޅެނީ ޕާޓީތަކުންނާއި ކުލަބުތަކުންނެވެ. ނޫންނަމަ އޮފީހުގައެވެ. އޭނާ މިތަނަށް އައިންސުރެވެސް ތަނަކަށް ދެވިފައިވަނީ މަދުފަހަރަކުއެވެ. އޭނާ އަބަދުވެސް ހުންނަންޖެހިފައިވަނީ ގޭގައެވެ.
ސިތާރާ ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ޝާހުދިޔަ ދޮރާދިމާއަށް ބަލަން ހުއްޓާ އެތަނަށް އާންޓީ އަތުވެއްޖެއެވެ. އޭނާ ފެނުމާއެކު ސިތާރާގެ މޫނުގެ ކުލަ އިހަށްވުރެ ބޮޑަށް ބަދަލުވެގެން ހިނގައްޖެއެވެ. “ މިހާރު ކަލެއަށް އެނގިއްޖެނު ޝާހު ބޭނުންވަނީ ކޮންކަމެއްކަން. “ އާންޓީ ވިހަ ހިނިތުންވުމެއް ދޫކޮށްލުމަށްފަހު ދާންހިނގައިގަތެވެ. ސިތާރާއަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އޭނާ ފާޑަކަށް ބަލަހައްޓައިގެން ހުރީއެވެ. ޝާހިދުގެ ގަރާޖުގައި އޭނާގެ ހުރިހާ ރަޙުމަތްތެރިން ލަވަކިޔާ މަޖާކުރަނީއެވެ. އެންމެ ފަހުން އޭނާއަށްވެސް ޖެހުނީ މަޖާކުރާށެވެ. އެމީހުންނާ ބައިވެރިވެ އުފާވެރިކަން ފާޅުކުރާށެވެ. އެމީހުން މަޖާކުރަންތިއްބާ ސިތާރާ ވެސް އަތުވެއްޖެއެވެ. އަދި އޭނާވެސް އެމީހުންނާ ބައިވެރިވެއްޖެއެވެ. މިތަން ފެނުމުން ޝާހިދު ފުރަތަމަ ވަރަށް ހައިރާންވިއެވެ. ސަބަބަކީ ސިތާރާ އައިމައެވެ.
އެހެންނަމަވެސް އޭނާ އެއްޗެކޭނުބުނެއެވެ. ލަވަކިޔާ މަޖާކުރަމުންދިޔައެވެ. މިތަން ބަލަން ދުރުގައި މަޓޭ ހުއްޓެވެ. ލަވަނިމެން ކައިރިވެފައި ވަނިކޮށް ފޯނުގެ ރިންގްވާންފަށައިފިއެވެ. ސިތާރާއަށް އައި ފޯނެއްކަން އެނގުމާއެކު ހުރިހާ އެންމެންވެސް އެއަށް ސަމާލުކަންދީފިއެވެ. އެއީ އާންޓީގެ ފޯނެކެވެ. ސިތާރާ ގަރާޖަށް އައިމަ އެކަމާ ރުޅިއައިސްގެން ފޯނުކުރީއެވެ. ސިތާރާ އަތްގަނޑުނަގާ ހަލޯއޭ ބުނުމާއެކު އާންޓީ އޭނާގެ ރުޅިވެރި އަޑު އިއްވާލައިފިއެވެ. ސިތާރާއަށް ހީވީ ބިންގަނޑު ފައިދަށުންދެމިގެން ދިޔަހެންނެވެ. “ އާނ އާނ. އެގާރާގަޑިބައިވީ އަދި. “ ސިތާރާ އޮޅުންފިލުވައިދެވޭތޯ ބެއްޔެވެ.” މުޅިދުނިޔެވެސް އަހަރުމެންނަށް މަލާމާތްކުރަނީ ކަލެޔާހެދި. ކަލޭ ތިގަރާޖުގަނޑަށް ގޮސްގެން އެމަސައްކަތު މީހުންނާއެކު ލަވަކިޔާ މަޖާކުރާކަށް ލަދެއްނުގަނޭތަ؟ “ އާންޓީ ދަތްކުނޑި ވިކާލިއެވެ. “ އެކަމަކު އާންޓީ. މިއަދު މީ ޝާހިދުގެ އުފަންދުވަހޭ. “” ކަލޭ ގެއަށް އަންނާނީތަ. ނުވަތަ ނޫންތަ؟ “” އެކަމަކު އާންޓީ. އަހަރެން އައީ ޝާހުކުރެން އަހާފައޭ. “” މަމިބުނަނީ ކަލޭ އަންނާނަންހޭ ނުވަތަ ނޫންހޭ. “ “ އާންޓީ......... “” ޖަސްޓް ސޭ ޔޭސް. އޯ ނޯ.” އާންޓީ އިންޒާރުދިނެވެ.
ސިތާރާ ޝާހިދުގެ މޫނަށް ބަލައިލިއެވެ. އެމޫނުގައިވަނީ ސުވާލުމާކުޖެހިފައެވެ. އޭނާ އަތްގަނޑުގައި ބާރަށް ހިފަހައްޓާލިއެވެ. އަދި “ ނޯ” އޭ ބުނުމަށްފަހު ބާރަށް އަތްގަނޑުޖެހިއެވެ. މިތަން ފެނުމުން މަޓޭގެ މޫނުމައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވިއެވެ. ސިތާރާ ހިނިތުންވެލިއެވެ. އަދި އެތާގައި އޮތް ރަބަރު ބޯޅައެއް ނަގާ ޝާހިދާ ދިމާއަށް އެއްލިއެވެ. މިތަން ފެނުމުން ސީރިއަސްވެފައިތިބި އެންމެންގެ މޫނުމައްޗަށް އުފާވެރިކަމާ މަޖާކަން އައިސް އަނެއްކާވެސް ލަވަކިޔަންފެށިއެވެ.
އަނެއްކާވެސް ޕާޓީގެ ފޯރި ގަދަވެއްޖެއެވެ. ޕާޓީއަށް ސިތާރާ ގެނައި ހަދިޔާ ޝާހިދަށް ދިނެވެ. އޭނާ ގެނައީ ވަރަށް ރީތި ބޮކްސްއެކެވެ. އޭގައިވަނީ ކައިވެންޏަށްޓަކައި ތައްޔާރުވެފައި ތިބި ދެމީހެކެވެ. ޝާހިދު އެހަދިޔާ ނަގާފައި ފުންކޮށް އެއަށް ބަލައިލިއެވެ. އަދި ސިތާރާ އާ ދިމާއަށް ބަލައިލިއެވެ. އެހެންނަމަވެސް އޭނާ އެއްޗެކޭ ބުނުމުގެ ކުރިން އެހަދިޔާ ދިންތަން މަޓޭގެ އޮޓްމެޓިކް ކެމެރާއަކުން ފޮޓޯނަގާފައި އެފޮޓޯގަނޑު ދައްކާލައިފިއެވެ.
މިތަން ފެނުމުން ސިތާރާ ވަރަށް އުފާވިއެވެ. އަދި ކުޑަކުއްޖެއްހެން އަތްޖަހާލިއެވެ. އޭނާގެ މިއަދާގެ ސަބަބަން ޝާހިދަށް ބުނާނެ އެއްޗެއްނޭގިގެން ރަކި ހިނިތުންވުމަކާއެކު ބަލައިލެވުނީ މަޓޭގެ މޫނަށެވެ. މަޓޭވެސް ހިނިތުންވެލަމުން ބޯޖަހާލިއެވެ. އަދި ލޮލުގައި ޖަމާވެފައި ހުރި ކަރުނަތައް ފޮހެލިއެވެ. އެވަގުތު އަނެއްކާވެސް ފޯނެއް އަތުވެއްޖެއެވެ. މިފަހަރު ފޯނުއައީ ޝާހިދަށެވެ. އެއީ ޝާހުގެ ފޯނެކެވެ. ޝާހު މަސްތުވެފައިވާ އަޑަކުން އުފަންދުވަހުގެ ތަހުނިޔާ މުބާރަކްބާދު ކިޔެވެ. އަދި ނާދެވުނީތީ ދެރަވާކަމުގައި ބުންޏެވެ. ޝާހިދުވެސް ހެޔޮހިތުން އާއެކޭ ބުންޏެވެ. “
ރަހުމަތްތެރިޔާ . މަގޭ ޖާނުގަނޑު ގެއަށް ފޮނުވަނީ ކޮންއިރަކުންތަ؟ އަސްލުގައި އަހަރެން މިގުޅީ އެހެންކަމަކާއެކީއޭ. މާދަމާ އަހަރެންގެ ރައްޓެއްސެއްގެ ދަރިފުޅުގެ ޕާޓީއެއް އެބައޮތް. ކަލޭ ކޮންމެހެންވެސް އެތަނަށް އަންނަންވާނެ. “ ޝާހު އަނގަ ވާކޮށްގެން އިނދެ ވާހަކަދެއްކިއެވެ. “ މަށަށް ފަހަރެއްގައި ނާދެވިދާނެ. މާދަމާ ވަރަށް ބައިވަރު މަސައްކަތް އެބައޮތް. “ ޝާހިދު ނުގޮސްވޭތޯ ބެއްޔެވެ. “ ދެން އާދެބަލަ ރަޙުމަތްތެރިޔާ. އަސްލުގައި ވެގެން މިއުޅޭ ގޮތަކީ އެތަނުގައި މިޔުޒިކް ކުޅެން ހަމަޖެހިފައި އޮތްމީހާ ކޮންމެވެސް ތާކަށް ރައްކާވެއްޖެ. އެހެންވެ އޭނާގެ ބަދަލުގައި ކަލޭ ގިޓާ ހިފައިގެން އައިސް ޓޮންޓޮން ކުޅެލާ ކުޅެލާ އިނީމަ ވީނު. ޔޫ އާރ ކަމިން އޯކޭ. ޔޫ އާރ ކަމިންގ.” ޝާހު އޭނާ ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމަށްފަހު ފޯނު ބޭއްވިއެވެ. އޭނާގެ ވާހަކަތަކުގެ ސަބަބުން އެހެން މީހެއްގެ ހިތަށް ކުރާނެ އަސަރެއް އޭނާ ނުވިސްނައެވެ. ޝާހިދު ހަމަހިމޭންކަމާއެކު ފޯނު ބޭއްވިއެވެ. އަނެއްދުވަހުގެ ހަވީރުގެ ވަގުތެވެ.
ބޮޑުސިންގާ ޓަނަލް އެއްގެ ކައިރީގައި ޕާޓީ ތައްޔާރުކޮށްފައި އޮތެވެ. ދެޖިންސްގެ ޒުވާނުން ނަށަމުން މަޖާކުރަމުން ދިޔައެވެ. އޭރު ޝާހު ހުރީ ދެއަންހެންކުދިންގެ މެދުގައި ނަށާށެވެ. ސިތާރާ ހުރީ އެމީހުންގެ ރަހުމަތްތެރި ޖޯންގެ ކައިރީގައެވެ. އޭނާ ޖޯންއާ ތަންކޮޅެއް ދުރުގައި ހުރެގެން މަޑުން ހަރަކާތްކުރަމުންދިޔައެވެ. އެވަގުތު އެމެރިކާގެ ޒުވާނަކު އައިސް ސިތާރާއާއެކުގައި ނަށަން ބޭނުންކަމުގައި ބުނުމުން ޖޯން އޭނާއަށް ސިތާރާ ދީފައި އެހެން ކުއްޖެއްގެ ކައިރިއަށް ހިނގައްޖެއެވެ. އެމީހާ އައި ގޮތަށް އައިސް ސިތާރާގެ އަތުގައި ހިފުމާއެކު ގަޔާ ކައިރިއަށް ދަމާލިއެވެ. އަދި އޭނާ އަޅާފައިވާ ދޯޕައްޓާ ނަގާ އެމީހާގެ ކަރުގައި އޮޅާލިއެވެ. މިތަންފެނުމުން ސިތާރާ ސަލާމަތްވެވޭތޯ ބެލިއެވެ. އަދި ޝާހު އެކަމާ އަޅާލާތޯ އޭނާއަށް ފެނޭތޯ އަތުން އިޝާރާތް ކުރަމުން ދިޔައެވެ. ނަމަވެސް ޝާހު ހުރީ އެހެން ދުނިޔެއެއްގައި ކަހަލައެވެ. އޭނާ އެދެއަންހެންކުދިންގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ނަށަމުން ދިޔައެވެ. ސިތާރާ އަށް އެމީހާގެ އުދަގޯ ބުޑުވާން ފެށުމުން ބާރަށް ދޫކޮށްލާށޭ ކިޔަންފެށިއެވެ. މިތަން ގިޓާޖަހަންއިން ޝާހިދަށް ފެނުމުން ކެތެއްނުކުރެވުނެވެ. ދިޔަ ގޮތަށް ގޮސް އެމީހާގެ އަތްދަށުން ސިތާރާ ސަލާމަތްކޮށްފިއެވެ. އަދި ހަބޭހަށް އޭނާގެ ގައިގައި ތަޅައިގަންފިއެވެ. އަދި އަނގަމަތި ފަޅާލައިފިއެވެ. މިތަން ފެނުމުން އެތާގައި ތިބި މީހުން އައިސް ޝާހިދު ހިފަހައްޓައިފިއެވެ. އަދި އެމީހާ ކައިރިން ދުރަށް ގެންގޮސްފިއެވެ.
އެހެންނަމަވެސް ޝާހިދު ރުޅިއައިސްގެން އަދިވެސް އެމީހާ ގައިގާ ޖަހަންދާން އުޅެއެވެ. ކަންތައްގަނޑު ބޮޑުވުމާއެކު ޝާހު އައިސް ޝާހިދާ ސުވާލުކުރަންފެށިއެވެ.” އޭއޭ. ހަމަޖެހިބަލަ. ކަލޭ އޭނަ ގައިގާ ޖެހީ ކީއްވެގެން؟ “” އޭނާ ސިތާރާ ގައިގައި އޮޅުލައިގަނެ އޭނާގެ ދޯޕައްޓާ އަތުލީ.”” ދެން؟ “” އެއީ އޭނާއަށް އިއްޒަތަށްދެވުނު ހުތުރެއް. އޭނާގެ ގަދަރު ކުޑަކޮށްލެވުނީއެ. އެހެންވެ ޖަހަންޖެހުނީ.”” ސިތާރާގެ އަބުރު ސަލާމަތްކުރަން ކަލޭ ތީ ކާކު؟ އޭނ. ކާކުގެ ވާންއުޅޭ އަންބެއް އެއީ. ކަލޭގެތަ. ނުވަތަ އަހަރެންގެތަ؟ އޭނާގެ ފިރިމީހާއަކީ ކަލޭތަ. ނުވަތަ އަހަރެންތަ؟ “ ޝާހު ހަލޭއްލަވައިގަތެވެ. ޝާހިދު އޭނާގެ ރުޅި މަޑުކުރުވޭތޯ އުޅުނެވެ. މިތަން ބަލަން ސިތާރާ ހައިރާންވެފައި ހުއްޓެވެ. ޝާހު މިކިޔަނީ ކީކޭހެއްޔެވެ؟ އޭނާގެ ކުރިމަތީގައި ސިތާރާގެ އަބުރާ އިއްޒަތަކީ އެއްވެސް އެއްޗެއްނޫންހެއްޔެވެ؟
އަނެއްކާވެސް ޝާހު އެއްޗެހި ކިޔަންފެށިއެވެ. “ ކަލޭމެން ކަހަލަ ދަށްފެންވަރުގެ މީހުން މިކަހަލަ ބޮޑެތި ޕާޓީތަކަށް ގެންނާކަށްނުވާނެ. އާންޓީ ބުނަނީ ހަމަރަގަޅަށް. ކަލޭމެންނަކީ ވަރަށް ދަށުދަރަޖައިގެ ބައެއް. “” އެކަމަކު ޝާހޫ އޭނަ އަހަރެންގެ...........” ސިތާރާ ދިފާޢުގައި އެއްޗެއް ބުނެވޭތޯ ބެއްޔެވެ. އެހެންނަމަވެސް ޝާހު އެއަށްވުރެ ބާރަށް ހަޅޭއްލަވައިގަންފިއެވެ.” ދޭދޭ. ގެޓްލޯސްޓް.” މިތަންފެނުމުން ދެން އެތަނުގައި އެންމެ ހިނދުކޮޅަކުވެސް ޝާހިދު މަޑެއް ނުކުރިއެވެ. ބާރުބާރަށް ހިނގާފައިގޮސް އެތަނުން ނުކުމެއްޖެއެވެ. އެއޮއް ހުރިހާ އެންމެންގެ ކުރިމަތީގައި އޭނާ ލަދުގަންނަވާލާ ހެދުމަކުންވެސް އޭނާ އެއްޗެއް ހިތަކަށް ނާރައެވެ.
އެހެންނަމަވެސް އެންމެންގެ ކުރިމަތީގައި ސިތާރާއާ ދިމާއަށް ހަލޭއްލަވައިގަތުމުން ވަރަށް ރުޅިއައެވެ. އެހެންނަމަވެސް އޭނާ ކުރާނީ ކީއްހެއްޔެވެ؟ ސިތާރާ އަކީ އޭނާޔާ ބެހޭ މީހެއްނޫނެވެ. އެއީ ޝާހުގެ ވާންއުޅޭ އަނބިމީހާއެވެ. ހުރިހާ ހައްގެއް އޮތީ ޝާހަށެވެ.
އެރޭ ކޮފީމޭޒުކައިރީގައި ވަރަށް ގިނައިރުވަންދެން އާންޓީ އާ ސޭޓް އަހުމަދު ވާހަކަދައްކަން ތިއްބެވެ. “ ދުރުތާ ތިމާގެ މީހުންނަކީ ވަރަށް ފާޑެއްގެ ބައެއް. އެމީހުން އައިސް ގާތްވެގެން އުޅެލާފައި އެންމެ ފަހުން ބޮނޑިދީފައި ދާނީ. “ އާންޓީ ދުރުދުރުން ވާހަކަ ފެއްޓޭތޯ އުޅުނެވެ. “ ކީކޭ ކިޔަންތަ ތިޔައުޅެނީ. ނިކަން ސާފު ސާފުކޮށް ބުނެބަލަ. “” އަހަރެން ބުނަން މިއުޅެނީ ޝާހިދުއާ ސިތާރާގެ ގުޅުން އެހާ ރަގަޅެއް ނޫނޭ. އެއްދުވަހުން އަނެއްދުވަހަށް އެދެމީހުންދަނީ ކައިރިވަމުންނޭ. މިކަމާ މިހާރު ޝާހުވެސް އެހާ........”
“ ހުއްޓާލާ! މީގެ ފަހުން ތިވާހަކަ ދައްކައިގެން ނުވާނެ. ތީ އެންމެ ފަހު ފަހަރު. އަހަރެން ތިކަމާ ވިސްނާކަށްވެސް ބޭނުމެއްނޫން. ދެންކުރަންވީ ކަންތައް އަހަންނަށް ދޫކޮށްލާ! “ ސޭޓް އަހުމަދު އިންޒާރުގެ ރާގެއްގައި ބުންޏެވެ. ސޭޓް އަހުމަދު އޭނާގެ ބޮޑު ކެބިންގެ ކުޑަ ދޮރުކައިރީގައި ހުއްޓެވެ. އެވަގުތު ޝާހިދު މަޑުމަޑުން އައިސް އަހުމަދުގެ ފުރަގަހަށް ހުއްޓި ސަލާމް ގޮވާލިއެވެ. އޭނާގެ އަޑަށް އަހުމަދު ފަސްއެނބުރި ބަލައިލިއެވެ. “ ކޮބާ ޝާހިދު ކިހިނެއް؟ ކަލެއަށް ވަރަށް އުފާވެރި ޚަބަރެއް އެބައޮތް. އަހަރުމެންގެ ޑިރެކްޓަރުންގެ ބޯޑު މީޓިންއަކުން ކަލެއަށް ވަރަށް ކަމެއް ހަމަޖައްސައިފި. އެއީ ލޮސްއެންޖަލީސްގައި ހުންނަ އަހަރުމެންގެ ފެކްޓްރީގެ ރައީސަކަށް ކަލޭ ހަމަޖެއްސުން . މީގެ ފަހުން ހުންނާނެ ބަންގްލާއަކާ ދުއްވާނެ ކާރެއް ލިބޭނެ. އަދި ކަލޭ އަހަރެންގެ ވާރު ވަރަށް ބޭނުމެއްނުދޯ. މިއޮތީ ތަޅުދަނޑި . އަހަރެންގެ ކާރު ގެންދޭ. “ އަހުމަދު ހިނިތުންވެފައިވާ މޫނަކައިގެންހުރެ ޝާހިދަށް ކާރުގެ ތަޅުދަނޑި ނަގާ ދިއްކޮށްލިއެވެ. “ މިއަދު ބައްޕަ ފެންނަނީ ވަރަށް އުފާވެރިކޮށް. އަނެއްކާ ކިހިނެއްވީތޯ؟ ޝާހިދުވެސް އުފަލުންހުރެ އަހާލިއެވެ.” އާނ. އުފާވެސްވެފަ އަދި ދެރަވެސްވެފަ މިހިރީ. ދެރަވަނީ މާދަމާ ހެދުނު ކަލޭ ފުރަންޖެހޭނެ. ނުވައެއްގައި ޝާހުގެ ކައިވެނި އެބައޮތް. އެދުވަހު ހެދުނު ކޮންމެހެންވެސް ހަނދާންކޮށް އަންނަންޖެހޭނެ އިނގޭ.” އަހުމަދުގެ ވާހަކަކޮޅާއެކު ޝާހިދުގެ މޫނުގެ ކުލަ ފަނޑުވިއެވެ. ލިބިފައިވާ އުފާވެރިކަން ގެއްލުނެވެ. “ އޭގެ މާނައަކީ މާދަމާ އަލުގަނޑު ފުރަންޖެހޭނެޔޭ އެހެންނޫންތޯ. “” އާނ. މާދަމާ ފަތިހު ފަހެއްޖަހާއިރު ފުރަންޖެހޭނެ. “ “ ބައްޕާ! އަޅުގަނޑު ދެދުވަހެއްވަރު މަޑުކޮށްލާފައި ނުދެވޭނެތޯ؟ މިހެން މިދެންނެވީ............”” އާނ. މަޑެއްނުކުރެވޭނެ. މީ ކެރިއަރާ ގުޅިފައިވާ ކަމެއް. މާދަމާ ކަލޭގެ ފުރަތަމަ ބޯޑު މީޓިން އޮންނާނެ. އެހެންވީމާ ކޮންމެހެންވެސް ޖެހޭނީދާން. “” އެންމެރަގަޅު ބައްޕާ! އަޅުގަނޑު ދެންދަނީ. “ ޝާހިދު ލުއި ހިނިތުންވުމަކާއެކު ގޮސް އަހުމަދުގެ ދެއަތުގައި ހިފަހައްޓާލިއެވެ. “ ދެން ޝާހިދުވެސް ރަގަޅުކުއްޖަކު ހޯދައިގެން އަވަހަށް ކައިވެނިކުރަން އުޅޭ. “” އަޅުގަނޑު މަސައްކަތް ކުރާނަން. “ އޭނާ މަޑުމޮޅިކަމާއެކު ބުންޏެވެ. އެވަގުތު އަހުމަދު އޭނާ ގެނެސް ގަޔާލާ ފިއްތާލިއެވެ. އަދި ކަރާ ކަރުޖައްސާ ސަލާންކޮށްލިއެވެ. “ މާތްކަލާނގެ ކަލޭ ސަލާމަތުން ލަހައްޓަވާށި.” އަހުމަދު އަސަރާއެކު ބުނެލިއެވެ. ޝާހިދު ކުޑަކުޑަ ހިނދުކޮޅެއްވަންދެން ބައްޕަގެ އަތު ތެރޭގައި ހުއްޓެވެ. އަދި އެނބުރި ދިއުމަށް ހިނގައިގެންފިއެވެ.
ހެދުނުގެ ވަގުތެވެ. ގަރާޖުގެ ފޯނު ހުއްޓާނުލާ ރިންގުވަމުންދިޔައެވެ. އެންމެފަހުން މަޓޭއަށް ނުހުރެވިގެން އައިސް ފޯނު ނެގިއެވެ. “ ހަލޯވ “” ޝާހިދަށް ގޮވާބަލަ. މީ ސިތާރާ. “” ޝާހިދު ހިނގައްޖެ. “” ކޮންތާކަށް؟ “” ތިއެއް އަހަންނަކަށް ނޭގެ. އަހަންނަށް އެނގޭ އެއްޗަކީ ރޭފަތިހު އަހަރުމެން ނިދާފައި ތިއްބާ އޭނަ އަހަރުމެން ދޫކޮށްލާފައި ކޮންމެވެސް ތާކަށް ހިނގައްޖެކަން.” އެއާއެކު މަޓޭ ފޯނުގެ އަތްގަނޑު ބަންލާފައި ޖެހިއެވެ. އޭނާ ހުރީ ވަރަށް ދެރަވެފައެވެ. ވެފާހުރި ހުރިހާ ދެރައެއް ފޯނަށް ބޭލުމަށްފަހު ގޮސް ސޯފާއަށް ވެއްޓިގަތެވެ.
ސިތާރާ ކުޑައިރުކޮޅަކު ފޯނު ހިފަހައްޓައިގެން ހުއްޓެވެ. ޝާހިދު އޭނާގެ ގާތުގައި ނުބުނެ އެދިޔައީ ކޮންތާކަށްހެއްޔެވެ؟ ސިތާރާ ގޭގެ ސިޓިންރޫމުގައި މަޖާކުރަންތިބި އެންމެނާ ދިމާއަށް ބަލައިލިއެވެ. އަދި ކޮޓަރިއާދިމާއަށްދާން ހިނގައިގަތެވެ. ޝާހިދު ބެލްކަނީގައި ބެރުބަލަހައްޓައިގެން ހުއްޓެވެ. އަދި ސިޓީ އުރައިގެ ތެރެއިން ނެގި ފޮޓޯގަނޑަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. އެއީ އޭނާގެ އުފަންދުވަހު މަޓޭ ނެގިފޮޓޯއެކެވެ. ޝާހިދު ފޮޓޯގަނޑަށް ބަލަންހުރުމަށްފަހު ވީދާ ބުރިބުރިކޮށްލިއެވެ. އަދި ބެލްކަނީގެ ބޭރަށް ޖައްވުގެ ތެރެއަށް އުކާލިއެވެ. އަދި ދިޔަގޮތަށް ގޮސް ކާރަށް އަރައިގެން ނައްޓާލިއެވެ.
ސިތާރާ އުދާސްވެފައި ކޮޓަރީގައި އިށީދެލައިގެން އިނެވެ. އެވަގުތު ފޯނުގެ ރިންގުވާން ފެށުމުން ކަންނެއްކަމާއެކު ގޮސް ފޯނު ނެގިއެވެ. އޭނާއަށް ބައްޕަގެ އަޑު އިވުމާއެކު އުފަލުން ފުންމައިގަތެވެ. އެހެންނަމަވެސް އެކޮޅުން ސުވާލުތައް ކުރަންފެށުމުން އޭނާގެ ލޮލުން ކަރުނަތައް ފައިބައިގަތެވެ. “ ނޫނެކޭ ބައްޕާ! ޝާހުދިޔައީ ބޭރަށް. ގޭއެންމެންވެސް ދިޔައީ ބޭރަށް. ގޭގައި މިހިރީ އަހަރެން އެކަނި. ނޫނެކޭ އަހަރެން ބިރެއް ނުގަނޭ. އަޑަށޭ. ނޫން ނުރޮން. މިތާގައި ވަރަށް މަޖާ ވަރަށް އުފަލުން މިއުޅެނީ. އެއީ މާގިނައިން އައިސްކްރީމް ކޭމަ އަޑު ސަކަރާތްވެފަ އެހެރީ. ކޮބައިތަ މަންމަ. އެހެންތަ މަންމަ އައިމަ ބުނޭ ގުޅައްޗޭ. ވަރަށް ސަލާމް ބައްޕާ. “ ސިތާރާ އޭނާގެ ލޮލުން ފައިބަމުންދާ ކަރުނަޔާއެކުވެސް ހިނިތުންވެވޭތޯ ބެއްޔެވެ. އެންމެފަހުން ކެތްނުކުރެވުމުން އަތްގަނޑު ބޭއްވުމަށްފަހު ބާލީހުގައި މޫނުޖަހައިގެން އޮވެ ރޯންފަށައިފިއެވެ. މިގޮތުން އޭނާގެ ހިޔުގެ އުދާސްތައް ތަންކޮލެއް ކުޑަކޮށްލަން އޭނާ ބޭނުމެވެ. މިރޭ އެގޭ އެންމެންވީ ޕާޓީއަކަށް ގޮހެވެ. މިހާރަކަށް އައިސް ސިތާރާ ދިއުމުން މައްސަލަޖެހެނީޔޭ ކިޔާފައި އާންޓީ އޭނާއެއް ތަންތަނަކަށް ނުގެންދެއެވެ. ވުމާއެކު އެމީހުން ތަންތަނަށްދިއުމުން އޭނާ އިންނަންޖެހެނި ގޭގައި އެކަނިވެފައެވެ. ބޮޑުދައިތަވެސް މިހާރުވީ އެމީހުންނާއެކު ޕާޓީއަށްގޮހެވެ. އޭނާ ގެންދިއުންވެސް އެއީ އާންޓީގެ ރޭވުމުން ކުރިކަމެކެވެ. ސިތާރާ ރޮމުން ރޮމުން ގޮސް އެނދުގެ ކައިރީގައި އިށީދެލިއެވެ. މިގޮތަށް އޮއްވާ އޭނާއަށް ނިދުނީ ކޮންއިރަކުކަމެއްވެސް ނޭގެއެވެ. އޭނާއަށް ހޭލެވުނީ މީހަކު އައިސް އެނދުގައި އިށީނީމައެވެ. އޭނާ ސިއްސައިގެންގޮސްފައި ބަލައިލިއެވެ. ކުރިމަތީގައި އިނީ ޝާހުގެ ބައްޕައެވެ. ބައްޕަ ފެނުމާއެކު ސިތާރާ ފުންމައިގެން ތެދުވަން އުޅުނެވެ. “ ކަމަކު މިއައީ. ދަރިފުޅުގެ އަތުގައި އަޅާފައި އޮތް އެންގޭޖްމެންޓް އަނގޮޓި ކޮބައިތަ؟ “ ބައްޕަގެ މިސުވާލުން ސިތާރާ ސިހުނެވެ. އެއާއެކު އިނގިލިތަކުގައި އަތްހާކާލެވުނެވެ. އޭނާ ހާސްކަމާއެކު ވަށައިގެން ހޯދާލިއެވެ.
އަދި މަޑުމަޑުން ކޮންތާކަށް ލެވުނީ ބާވައޭ އަމިއްލައަށް ސުވާލުކޮށްލެވުނެވެ. “ އަހަރެން ބުނެފާނަން އަނގޮޓި ވީތަނެއް. އިއްޔެ ހަވީރުއްސުރެ އަނގޮޓި އޮތީ ސްވިމިންޕޫލުގެ ގާގަނޑު މަތީގައި. އަހަންނަށް ފެނިގެން ނެގީ. އަން މިއަޅާ ދަރިފުޅާ. “ އަހުމަދު އަނގޮޓި ދިއްކޮށްގެން އިނދެ ވާހަކަދެއްކިއެވެ. އެހެންނަމަވެސް ސިތާރާ ކުޑަކޮށް ފަސްޖެހުނެވެ. މިތަންފެނުމުން އަހުމަދުގެ ވިސްނުންތެރިމޫނަށް ކުޑަނަމަވެސް ރުލެއް އެރިއެވެ. ވީމާ ތަންކޮޅެއް ބާރަށް އަނގޮޓިއެޅުމަށްބުންޏެވެ. ސިތާރާ އަނގޮޓިއަތުލުމަށްފަހު އެޅިއެވެ. އަދި އިސްޖަހާލިއެވެ. “ ދިވެހިރާއްޖެއިންސުރެ ގެނެސްފަ ތީނީ. ޝާހުގެ ވާންއުޅޭ އަނބިމީހާ ތިއީ. އަހަރުމެންގެ ވަރަށްބޮޑު އުންމީދެއް ތިއީ ދަރިފުޅާ. އަހަރެން ގަބޫލުކުރަން ޝާހަކީ ތަންކޮޅެއް އެހެންކަހަލަ މިޒާޖެއްގެ ކުއްޖެއްކަން. އެކަމަކު އޭނާއަކީ ގޯސްކުއްޖެއްނޫން. “ އަހުމަދު ވާހަކަދައްކަމުން ސިތާރާ ކައިރީގައި އިށީދެއްޖެއެވެ. އެވަގުތު ޝާހު އައިސް ވަދެއްޖެއެވެ.
“ ބައްޕާ ! އަޅުގަނޑު މިއުޅެނީ މާދަމާ ރައްޓެހިންނާއެކު ލާސްވިކާސް އަށްދާން މިއުޅެނީ. “” އާނ ދޭބަލަ އެކަމަކު ސިތާރާވެސް އެކުގައި ގޮވައިގެންދޭބަލަ. “” އޮފްކޯޒް ޑޭޑީ. “ “ އޮފްކޯޒްގެ ދަރިޔާ. އެންމެ ފުރަތަމަ ސިތާރާ ކިބައިން މައާފަށް އެދޭ. “” އައިމް ސޮރީ ސިތާރާ. ރިއަލީ އައިމް ސޮރީ . “ ޝާހު ސިތާރާގެ ކިބައިން މައާފަށް އެދުމުން އަހުމަދު ވަރަށް އުފާވިއެވެ. އަދި ސިތާރާއަށް ބުންޏެވެ. “ ކޮބާ ހީވޭނު. އަހަރެންބުނީމެއްނު ޝާހަކީ ގޯސްކުއްޖެއްނޫނޭ. އަވަހަށްދޭ. ގޮސް ފޮށްޓަށް އެއްޗެހިއަޅާ ތައްޔާރުވޭ. އަދި ދެކުދިން އުފާވެރި ދަތުރެއްކޮށްލާފައި އާދޭ. “ އަހުމަދު ލޯތްބާއެކު ސިތާރާގެ ބޮލުގައި ފިރުމާލާފައި ބުނުމުން އޭނާގެ ހިތުގައިވާ ހުރިހާ ޝަކުވާއެއް ފިލާދިޔަކަހަލައެވެ.
ހެދުނުގެ ވަގުތެވެ. ސިތާރާގެ ބޮޑުދައިތައާއި ސޭޓް އަހުމަދު ސިޓިންރޫމުގައި ތިއްބެވެ. އަހުމަދު އިނީ ދުވަހުގެ ނޫސް ހިފައިގެންނެވެ. ބޮޑުދައިތައިނީ ލާސްވިކާސްގެ މެގަޒިނެއް ހިފައިގެންނެވެ. އޭގައި ދެބައިކުޅައެއްބަޔަށް އޮރިޔާމުން ތިބި އަންހެންކުދިންގެ ފޮޓޯތައް ފެނުމުން ބޮޑުދައިތަ ފާޑެއްގެ އަޑެއްލައްވާލިއެވެ. އަދި އެތަނަށް ދާހިތްވާ ރާގެއްގައި ބުނެލިއެވެ.
“ އަހުމަދޫ. މި ލާސްވިކާސް އަކީ ކޮންތަނެއްތަ؟ “” މަސްތުންފުރިފައިވާ ރަށެއް. އެތަނުގައިވަނީ މަޖާކުރުމާއި ޖުވާކުޅުމާއި ލަވަކިޔުމާއި ސަކަރާތްޖެހުމުން ފުރިފަ. ހުރިހާ ވައްތަރެއްގެ ކުލަތަކެއް އެތަނުގައިވާނެ. “” މިތަނަށް ޒުވާންކުދިން އެކަނިތަ ދަނީ؟ “” ނޫނޭ. ބޮޑެތި މީހުންވެސްދާނެ. އެކަމަކު ދަރިންނާއެއްކޮށެއްނޫން.”” އެހެންވިއްޔާ އަހަރުމެންދަނީ ކޮންއިރަކުންތަ؟ “” ކީކޭ؟ “ އަހުމަދަށް ބޮޑުދައިތަ ބުނި އެއްޗެއް ރަގަޅަށް ނުވިސްނުނު ކަހަލައެވެ. އެވަގުތު ބޮޑުދައިތަ އަވަސް އަވަހަށް ވާހަކަ ރަގަޅުކޮށްލިއެވެ.” މިބުނީ މިގޭ މީހުންގެ ވާހަކަ. އަހަރެން އަހުމަދު އަދި ދެންތިބިމީހުންނާ މަންމަމެން. “” އަހަރެން ކަލޭމެން ހުރިހާ އެންމެންވެސް ގެންދަން.”” އެހެންތަ؟ “ ބޮޑުދައިތަ އުފަލުން ދެއަތް ދެއަތާ އުގުޅާލިއެވެ. “ އެކަމަކު އެއީ މިތާގައި ހުންނަ ބޮޑު މިސްކިތަކަށް.” އަހުމަދުގެ ވާހަކަކޮޅު އިވުމާއެކު ބޮޑުދައިތަގެ މޫނުމަތި މިލައިގެންދިޔައެވެ. އަދި ނޫންކަމަށް ހަދާލާފައި އަވަހަށް އަނެއްފަރާތް ބަލަންފެށިއެވެ.
(ނުނިމޭ)
-
ހުކުރު، ޖެނުއަރީ 23 2009، 22:36
ރަގަލު ވަރަށް ސަލި ނުނިމި އޮތްބާ އަވަސް ކޮއް ގެނެސް ދިނއްޔާ ރަގަލު
-
ހޮނިހިރު، ޖެނުއަރީ 24 2009، 10:13
ވަރަށް ސަޅި 8 ވަނަ ބައި އަވަހަށް ގެނެސްދޯ ޕުލީޒް.....މިފަހަރު އެހާ ލަސްނުކުރާތި...
-
އާދިތްތަ، ޖެނުއަރީ 25 2009، 10:43
މީހަމަ ހިންދީ ފިލްމު ޕަރްދޭސްގެ ކޮޕީ އެއް ދޯ؟ އަމިއްލަ ވާހަކަ އެއްގެ މައްޗަށް ބިނާކޮށްގެން ވާހަކަ ލިޔާނަމަ ވަރަށް ރަގަޅުވީސް.......
-
އާދިތްތަ، ޖެނުއަރީ 25 2009، 11:12
ވަރަށް ރަގަޅު މީގެ 8 ވަނަ ބައެއް ނެރެފިއްޔާ
-
އާދިތްތަ، ޖެނުއަރީ 25 2009، 11:29
މި ވާހަކަ ފޮތެއް ގައި ނެރެފިއްޔާ ވަރަށް ރަގަލުވާނެ.ސަބަބަކީ މި ވާހަކަ އައް ތަރުހީބު ލިބޭނެތީއެވެ.