

ށާށީ 2
3. ސަކަރާތުގެ އާދުވަހެއް
ފުރަތަމަ އޮތީ އެސެމްބްލީ އެވެ. ސަފުތައް އެތުރިފައި ހުރީ ކްލާސްތައް ވަކިވަކިންނެވެ. ހިމޭން ރަނގަބީލު ޖެހުމާއެކު, މުޅިތަނަށް ވެރިވެފައިވާ ގަދަ އަޑު ކުއްލިގޮތަށް, ކެނޑުނެވެ. ހިމޭންކަމުގެ މާހައުލުން ދެން އިވެން ފެށީ ޤުރުއާން ކިޔަވާ އަޑެވެ. ގިނަ ކުދިންގެ ކަންފަތްތައް, އެއަޑަށް ވީއްލިފައިވާއިރު 6އެޗް ގެ ދަރިވަރުންގެ ޙަރަކާތްތައް ވަރަށް ތަފާތެވެ. އެއީ ސްކޫލްގައިވެސް ފާހަގަކޮށްލެވޭ ކްލާހެކެވެ. ފާހަގަކުރެވެނީ މޮޅު ކަމަކުން ނޫނެވެ. ރަނގަޅު ކަމަކުންވެސް ނޫނެވެ. އެކްލާހާމެދު ހުރިހާ ޓީޗަރުންވެސް ކުރަނީ ޝަކުވާ އެވެ. ސަކަރާތްޖެހުމާ, އަޑު ގަދަކުރުމަކީ, އެކްލާސް ކުދިންގެ އާދައެކެވެ. ގިނަ ކުދިންނަކީ ރިޕީޓް ކުދިންނެވެ. އެއް ފަހަރަކު ނޫނެވެ. ތިން ހަތަރު ފަހަރު ރިޕީޓްކުރާ ކުދިންވެސް އެކްލާހުގައި އެބަ ތިއްބެވެ.
28 ކުދިން ތިބި ދިގު ސަފުގެ އެންމެ ފަހަތުގައި ހުރީ, ނަފީސެވެ. އޭނާގެ އަތް ވިއްދާފައި ހުރީ, ކުރިމަތީ ހުރި, އާން ގެ ބުރަކަށީގައި އަޅުވާލެވިފައިވާ ދަބަހުގަ އެވެ. ދެފަރާތަށް މޫނު އަނބުރާލުމަށްފަހު, ނަފީސް ޖެހިގަތެވެ. އާންވެސް އެބާރު މިނުގައި އޭނާގެ ކުރީގައި ހުރި, މަހްމޫދުގެ ގައި ޖެހިގަތީ އެއަށްވުރެ ބާރަށެވެ! މުޅި ސަފު ލޮޅުމެއް އެރި ކަހަލައެވެ. އެންމެ ކުރީގައި ހުރި, އައްޔަ ވެއްޓުނީ ނިއްވަތަށެވެ. އޭނާވެސް ހެދީ މަކަރެވެ. ގަސްތުގައި ވެއްޓިގަތީ އެވެ. މީހުންތައް ހެއްވާލުމަށް ގޮތެއް ހަދާލީ އެވެ. އެކިދިމަ ދިމާލުން ހިނިގަޑު އައެވެ. އެކަމަކު ގިނަ ކުދިންގެ އަގަތަށް ލެއްޕިފައި ވަނީ, އައި ހިނިގަނޑު ޖަހަން ނުކުރިގެންނެވެ. ހިމޭން ވަގުތެއް ކަމަށްވުމުން, ލަދުންނެވެ. ނުވަތަ ވަގުތަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ.
އެސެމްބްލީ ނިމުމާއެކު, ހެމުންހެމުން ދައްކަން ފެށީ އެވާހަކައެވެ. 7 އެޗް ގެކުދިން އެކަކު އަނެކަކަށް އަތް ޖަހާ އުޅެއެވެ. ކުރެވުނު ކަންތަކާމެދު, ފަޚުރުވެރިވާން ތިއްބެވެ.
” ބަލާބަލަ! ސަރ އެހުރީ ރަތަށް އަރާފައި“ ނަފީސް ދެއްކީ ހަމްދާނަށެވެ. ”މިއަދު ވަރަށް ކަންތައް ހުންނާނެ! އެނގިދާނެތާ ވާގޮތް“ ހަމްދާނު އޭނާގެ ޚިޔާލު ގްރޫޕަށް ފާޅުކުރި އެވެ. ފަހަރަކު ކްލާހެއް, ކްލާސްތަކަށް ދިއުމަށް ހިގައިގަތެވެ! އެންމެފަހުން ދެވޭނީ 6އެޗް އަށެވެ. އެއީ ހަމަޖެހިފައިވާ ގޮތެވެ. އެކުދިން ދާކަށްވެސް ނޫޅެ އެވެ. ގިނަ ފަހަރަށް ޓީޗަރު ޖެހޭނީ ބުނާށެވެ! ހަމަ ތިބޭނީ އެވެ. ކޮންމެވެސް ވާހަކައެއްގައި ހޭށެވެ. ކޮންމެވެސް ބަޔަކަށް މަލާމާތް ކުރާށެވެ. މާގިނަ އިރެއްނުވެ މުދައްރިސާ އެކު ހުރިހާ ކުދިން ކުލާހަށް ދިޔައެވެ.
ކިޔަވާދޭން ފެށިތާ މާގިނައިރުތަކެއް ނުވެއެވެ. 6އެޗް ކްލާހަށް އައިސް ވެންނެވީ ސްޕަވައިޒަރ ނާއިލާ އެވެ.
”ކޮބާ އަމްރު“ ސުޕަވައިޒަރ ސުވާލު ކުރެއްވި އެވެ.
” މިއަދުމީ, އަމްރަށް ބަންދު ދުވަހެއް“ ނަފީސް ޖަވާބު ދިނެވެ.
” މިސް އެބުނީ ތެދެއް. މާދަމާ އަމްރު އަންނާނެ! ކީކޭތަ ބުނަންވީ“ އާރިފް ސުވާލުކުރީ މިސް އަށެވެ.
” އެންމެ ރަނގަޅު! ނަފީސްމެން ގޭގެ ނަމްބަރު ބަދަލުވީތަ؟ ގެއިންފޯނެއް ނުނަގާ! ބުނެބަލަ ބައްޕަ ނުވަތަ މަންމަގެ ނަމްބަރު“ ސްޕަވައިޒަރ ސުވާލުކުރެއްވީ ނަފީސް އަށެވެ. އެސުވާލާއެކު ބައެއް ކުދިންގެ ވާހަކަތައް ހުއްޓުނެވެ. ކަމެއް ގޯސްވީހެެން އެކުދިންނަށް ހީވެގެން ނެވެ.
” މިސް ކީއްކުރަން ބައްޕަގެ ނަމްބަރ ހޯދަނީ!“ ނަފީސް ބޭނުންވީ އޮޅުންފިލުވާ ށެވެ. އެސުވާލާއެކު ހުރިހާ ކުދިން ހޭންފެށި އެވެ.
” ދެން އެނގިދާނެތާ!“ ސްޕަވައިޒަރުގެ ޖަވާބު ވަރަށް ކުރެވެ. ނަފީސްއާއި, އާރިފާއި, ހާމިދުގެ އިތުރުން ހާފިޒުމެން ގެއަށް ގުޅޭނެ ނަމްބަރުތައްވެސް ސްޕަވައިޒަރު ނެންގެވި އެވެ. އިންޓަވަލް ގަޑިޖެހުމާއެކު, ކުދިންތައް ދުއްވައިގަތީ, ސަފް ހެދުމަށެވެ. އެސަފަށް ނާރާ, އިންޓަވަލަކަށް ނުދެވޭނެއެވެ. ދެން އެފެށީ އެކަކު އަނެކަކަށް ކޮށްޕާ ށެވެ. މުޅި ކްލާސް ތެރޭގައި ވަނީ ހަމަނުޖެހުމެވެ. އެކަކު އަޑުގެ ކޮޅަށް ހަލޭއްލަވަނީ އެވެ. ހީވަނީ މޮޔަވެގެން އުޅޭ ހެންނެވެ. އޭނާގެ ފުރަގަހުގައި ހުރެ, އަނެކަކު ފުންމަނީ އެވެ. ދެން ތިބި ދެކުދިން ޗޯކް ކޯޅަކުން, ބޯޅަކުޅޭއިރު ޑަސްޓަރު ހިފައިގެން ކުދިންގެ ކަޅު ފަޓްލޫން ތަކުގައި ޗޯކް ޖަހަމުން ދުވަނީ ނަފީސެވެ. ކުދިން ހަދައިގެން ތިބި ސަފް ރޫޅާލަން ޖެހުނީ އެކަމާ ހެދިއެވެ. ކްލާސް ޓީޗަރު އައިސް ކްލާހަށް ވަނުމާއެކު ކުދިންތައް މަތަވިއެވެ. ތަންކޮޅެއް މައިތިރިވިއެވެ.
4. އާޚަބަރެއް ލިބުން
ސަކަރާތާ މަޖަލުގައި ވަގުތުތައް ދިޔަގޮތްވެސް ނޭނގެ އެވެ. އިންޓަވަލް ގަޑި ނިމުނީ އެވެ. ބޭރަށް ދިޔަ ކުދިންތައް އައިސް ކްލާހަށް ވަނެވެ. ބައެއް ކުދިން އަނގަފުރާ ސުޕާރީ އަޅަފައިވާއިރު ކިއްލިއާއި ތަފާތު ސާމާނު ގަނެގެން އަތްތައް ވަނީ ފުރިފަ އެވެ.
”ކޮބާ! މިނަން ކިޔާ ކުދިންދޭ ތިރިޔަށް! ހޯލަށް!“ ކްލާސް ޓީޗަރު ކުރީ އަމުރެކެވެ. އެނަންތައް ގޮވުމާއެކު, އެކުދިން ހިނގައިގަތީ ތިރިއަށެވެ. ނަފީސްވެސް, ދުވަމުން ކަހަލަ ގޮތަކަށް ފޭބި އެވެ. އޭނާއާ އެކު 4 ކުއްޖަކު ވެސް ފޭބިއެވެ. ހަމަ އެއްކަހަލަ ކުދިންނެވެ. ކްލާހުގައި އެންމެ ގިނައިން ސަކަރާތް ޖަހާ ކުދިންނެވެ.
ނަފީސްމެން ގޮސް ވަނީ ހޯލަށެވެ! އޭނާއަށް ލިބުނީ ހައިރާން ކަމެވެ. ކުރިމަތީ ހުރި ގޮޑީގައި އިނީ ނަފީސްގެ މަންމައެވެ. އެހެން ކުދިންނަށްވެސް ލިބިގެން ދިޔައީ ހައިރާން ކަމެވެ. އެކުދިންގެ ބެލެނިވެރިންވެސް ތިއްބެވެ. އެތަނުގައި 11 ވަރަކަށް ކުދިން ތިބޭނެ އެވެ. އެހުރިހާ ކުދިންގެ ބެލެނިވެރިން އެތިބީ ވާތް ފަރާތުގައި ޖަހާފައިވާ ގޮޑިތަކުގަ އެވެ. އެމީހުންގެ މޫނުން ފެންނަމުން ދަނީ ހައިރާން ކަމެވެ. ބައެއްފަހަރު, އުފާވެރިކަން ފެންނަ ފަދައެވެ. މާގިނައިރުތަކެއް ނުވެ ޕްރިންސިޕަލް ވެސް ހޯލަށް ވަޑައިގަތެވެ. އަދި ތެދުވެ ވަޑައިގަތުމަށްފަހު ވާހަކަފުޅު ދައްކަވަން ފެއްޓެވި އެވެ.
” ކުރިންވެސް އަޅުގަޑުމެން ވާނީ މިވާހަކަ ތިޔަބޭފުޅުންނަށް ދަންނަވާފައި. އަދި މިކަމުގައި ތިޔަ ބޭފުޅުންގެ ޚިޔާލު ވާނީ ހޯދާފައި. އެޑިއުކޭޝަން މިނިސްޓްރީން މިހާރު ނިންމާފައިވަނީ މިތާ މިތިބަ ކުދިން, ކަށްފުށީގައި އަޅާފައި ހުރި ”ޞަލާހުއްދީން ސްކޫލަށް“ ފޮނުވަން. އެއީ މުޅިން އަލަށް ސަރުކާރުން ކުރަން ބޭނުންވާ ތަޖްރިބާއެއް. މިނިސްޓްރީގެ ސީދާ ބެއްލެވުމުގެ ދަށުން, އެސްކޫލް ހިގަމުންދާނީ. އެތަނުގައި މިހާރު ހަމަޖެހިފައިވަނީ 80 ކުދިންނަށްކިޔަވާ ދޭން! ކުދިން މިގެންދަނީ ގްރޭޑް 6 ކުން. އެހެން ކަމުން މިވާހަކަ ދަންނަވާލަން މިގެނައީ. ދެން އެނގިވަޑައިގަންނަވާނޭ ފަދައިން, އެސްކޫލް ހެދިފައި މިވަނީ މިހާރު ފަޅު ރަށެއްގައި, އެއީ ކުރިން މީހުން އާބާދުވީ ރަށެއް. އެއީ އާސާރީ ރަށެއްވެސް މެ. އެހެން ނަމަވެސް ކުދިންގެ ކިޔެވުމާ ގުޅޭ ހުރިހާ ޚިދްމަތަކާ, ކުޅިވަރާ, މުނިފޫހިފިލުވަދޭ ފަދަ ހުރިހާ ފެސިލިޓީޒްތައް އެރަށުން ލިބެން ހުންނާނެ. އަދި އެކުދިންނަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރާގޮތަށް ހަމަޖެހިފައި މިވަނީ ސަރުކާރުން. އެހެން ކަމުން ބެލެނިވެރިންނަށް މިކަން އެނގުމަށް މިބައްދަލުވުން މިބޭއްވެނީ. ” ޕްރިންސިޕަލްގެ ވާހަކައަށްފަހު ކަންތައްތައް ރޭވިފައިވާގޮތުގެ އިތުރު ތަފްސީލް މިނިސްޓްރީން ދިނެވެ.
ބެލެނިވެރިންގެ މާބޮޑު ޝަކުވާއެއް ނެތެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހެއްގެ ދަރިފުޅު މޮޅުމީހަކަށްވެ, ރަނގަޅު ކުއްޖަކަށް ވާށެވެ. ރަނގަޅު އަޚްލާގެއް ހުރި ކުއްޖަކަށް ހަދާށެވެ. އެނިޔަތުގައި ހުރިހާ ބެލެނިވެރިންވެސް އެކަމަށް ކުރީ ތާއީދެވެ. އެކުދިންނާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ގޮތާއި, ގުޅުން ބޭއްވޭނެ ގޮތާމެދު, ބައެއް މީހުން ޚިޔާލު ފާޅުކުރި އެވެ. މަހަކު އެއްދުވަހު, އެރަށަށް, ނުވަތަ ސްކޫލަށް ޒިޔާރަތްކުރެވޭގޮތަށް ހަމަޖައްސާފައިވާއިރު, ކުދިންނަށް އެރަށުން އާދެވޭނީ ތިން މަހުން އެއްފަހަރެވެ. އެގޮތަށް ބައެއް ބެލެނިވެރިން ހިތްހަމަ ނުޖެހުނަސް ގިނަމީހުން އެގޮތާވެސް ގަބޫލެވެ. އެވަހާކަތައް ދައްކާ ނިމުނީ ހުރިހާ ކަމެއް ހަމަޖެހިގެންނެވެ. އެރަށަށް ފޮނުވުމަށް ހަމަޖެއްސި ދަރިވަރުން ތިބީ އެވާހަކަތައް އަޑުއަހާށެވެ. ބައެއް ކުދިންގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ. އާ މާހައުލެއް ތަޖްރިބާ ކުރަން ފުރުޞަތު ލިބޭއިރު, އެއް ގްރޫޕެއްގެ ކުދިން ކޮޅަކާ ދިމާވާނެތީ އެވެ. ބައެއް ކުދިން ތިބީ ނުރުހިފަ އެވެ. މަންމަމެން އެގޮތާއި ގަބޫލުވާތީ އެވެ.
ނަފީސް އިނީ ވިސްނާށެވެ. އެއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އެތަނަށް ހިނގައްޖެނަމަ, ނަފީސް ބޭނުންވާ ގޮތަކަށް ނޫޅެވޭނެ އެވެ. ބޭނުންހާ ކަމެއް ނުކުރެވޭނެ އެވެ. ނަފީސް ބަލަމުން ދިޔައީ އޭނާގެ މަންމަގެ މޫނަށެވެ. މަންމަވެސް ނަފީސް ހަދާ ނުހަދާއެއް ބަލަމުން ދިޔައެވެ. ބައްދަލުވުން ނިމިއްޖެ އެވެ. ހޯލަށް އައިހުރިހާ ކުދިން ކްލާސްތަކަށް ދިއުމަށް އެންގުމާއެކު ކުދިންތައް ހިނގައި ގަތެވެ. ނަފީސްވެސް މަޑު ހިގުމެއްގައި, ހޯލުން ނިކުތެވެ. އޭނާ އެހޯލަށް ވަނީ ފިސާރި އުފަލުންނެވެ. ނިކުމެގެން އެދަނީ, އެއުފާވެރި މޫނުން ފެންނަމުން ދިޔަ ކުލަތައް އިރުއޮއްސޭ މަންޒަރެއް ފަދައިން ފަނޑުވަމުންނެވެ.
ކްލާހަށް ވަދެ, ނަފީސަށް އިނދެވުނީއެވެ. ވިސްނަމުން ދިޔައީ ހަދާނެގޮތަކާ މެދުއެވެ. އިންނަންޖެހުނީ ގަޑި ނުޖެހިގެންނެވެ. ގެއަށްގޮސް ހަދާނެގޮތް އޭނާގެ ހިތުގައި ބިންވަޅު ނެގިއެވެ. އެރަށަށް ނުދާނަމެވެ. އަހަރެން ކިޔަވާނީއެވެ. ކިޔެވޭނީ މިތާ ހުރެގެންނެވެ. އެތަނުގައި ކިޔެވޭނެ ހެއްޔެވެ؟ ބަޔަކު ނޫޅޭތާކު ކޮން ކިޔެވުމެއް ހެއްޔެވެ؟ އެއީ ކާކު ރޭވި ކަމެއް ހެއްޔެވެ؟ ޓެސްޓްކުރަން ގެންދަން އެނގުނީ އަހަރެމެން ހެއްޔެވެ؟ މޮޅު ކުދިން ގެންގޮސްގެން އެހަދާ ޓެސްޓެއް ހެދީމާ ވީނުން ހެއްޔެވެ؟ ނުދާނަމެވެ. މަށެއް ދާކަށް ބޭނުމެއް ނޫނެވެ؟ ނަފީސްގެ ހިތަށް އެތައް ޚިޔާލުތަކާ ސުވާލެއް އަރާ ފައިބަމުން ދިޔައެވެ. ކްލާހުގައި އުޅެމުން ދިޔަގޮތާއި, ޖެހި ސަކަރާތްތައް މަންޒަރުގެ ސިފައިގައި, ލޮލަށް ފެންނަމުން ދިޔަ ކަހަލައެވެ.
ބެލްޖެހުމާއެކު ކުދިންތައް ތެދުވެ, ހިގައިގަތެވެ. ވެވުނުހާ އަވަހަކަށެވެ, އެންމެ ކުރިން ބޭރަށް ނިކުތުމަށެވެ. ނަފީސްވެސް ހިގައިގަތެވެ. އެހެން ދުވަސް ދުވަހު. އެހުންނަ ފޯރިއެއް ނެތެވެ. ކޮންމެހެން އަވަސް އަރުވާލާފައި ހިނގައި ގަންނާކަށްވެސް ނޫޅެވެ. ހުރެވުނީ އެވެ. ކުއްލިއަކަށް އަވަސް އަރުވާލިއެވެ. ހަނދާންވީއެވެ. މަންމަގާތުގައި ގޮސް ޝަކުވާ ކުރަންވީއެވެ.
5. ނަފީސްގެ ޝަކުވާ
މަންމަ ފެނުމާއެކު, ނަފީސްގެ ވާހަކަ ފެށިއެވެ.
” އަހަރެން އެތަނަކަށް ނުދާނަން. އަހަރެން ބޭނުމީ މިސްކޫލްގައި ހުންނަން. މަންމަ ކީއްވެތަ އެއްބަސްވީ! މަންމަ ބޭނުންވަނީ އަހަރެން ފޮނުވާލަންތަ؟ މީ މަންމަގެ ކުއްޖެއް ނޫންތަ؟“ ނަފީސް ދައްކަންފެށީ މަންމަ ހީވެސް ނުކުރާ ކަހަލަ ވާހަކަތަކެކެވެ.
” ދަރިފުޅު ފޮނުވާލާކަށް މަންމަވެސް ބޭނުމެއް ނުވާނެއްނު! އެކަން އެނިންމީ ސްކޫލުން ނެއްނު. މަންމަ ކިހިނެއް ހަދާނީ! މަންމަވެސް ބޭނުން ދަރިފުޅު މޮޅު ކުއްކަށް ހަދަން.
އެމީހުންވެސް އެއުޅެނީ ދަރިފުޅަށް ގޯސްގޮތެއް ހަދަންކަމަށް މަންމައަކަށް ޤަބޫލެއް ނުކުރެވޭ!“ މަންމަ ބޭނުންވީ ނަފީސަށް އޮޅުން ފިލުވާ ދޭށެވެ.
” އެތަނަކަށް އަހަރެންނެއް ނުދާނަން. އެހެން ވެއްޖެއްޔާ އަހަރެން ނުވެސް ކިޔަވާނަން. އޭރުން މަންމަގެ މައްސަލައެއްނެއްތަ؟ އަހަރެން ބޭނުމެއް ނޫން ދާކަށް“ ނަފީސް އުޅުނީ މަންމައަށް ބިރު ދައްކާށެވެ.
” ދަރިފުޅު ނުކިޔެވުމުން ދަރިފުޅަށް ފަހުން ގެއްލުން ދައްކާނެ! ކިހިނެއް ދަރިފުޅު އުޅޭނީ!“ މަންމަގެ ވާހަކަ މެދުކަނޑާލުމަށްފަހު ނަފީސް ވާހަކަ ފެށިއެވެ.
” އެންމެ ރަގަޅު! އަހަރެންނަށް ގެއްލުންވިޔަސް ހެޔޮ. އަހަރެން އެރަށަކަށް ނުދާނަން. މިބުނީނު ނުދާނަމޭ!“ ގެއާ ހަމައަށް އާދެވުމާއެކު ދުވެފައި ކަހަލަ ގޮތަކަށް ގޮސް ނަފީސް ވަނީ ކޮޓަރިއަށެވެ. އަދި ކޮޓަރި ދޮރު ލައްޕާ ތަޅުލިއެވެ. ހަގީގަތުގައިވެސް ނަފީސް ދެރަވީއެވެ. އެއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. މާލޭ މިފަސްގަނޑު ދޫކޮށް ދާކަށް އޭނާގެ ހިތެއް ނޭދެ އެވެ. އަދި މަންމައާއި ބައްޕަ އާ ވަކިން އުޅުމަކީ އޭނާ ހިތް އެދޭ ކަމެއްވެސް ނޫނެވެ. ނަފީސްގެ މަންމަވެސް ދެރަވިއެވެ. ނަފީސްގެ މޫނުމައްޗަށް އައިސްފައިވާ ބަދަލާ, އޭނާ ދައްކަމުން ދިޔަ ވާހަކަތަކުން އަސަރުކުރީއެވެ. (ނުނިމޭ)
-
ބުދަ، ޖެނުއަރީ 21 2009، 11:58
ވަރަށްރީތި އަނެއްބަޔަށް އިންތިޒާރުކުރަން.އޯހް= އިރޭ
-
ބުދަ، ޖެނުއަރީ 21 2009، 15:36
އަޅެ މިވާހަކައަށް ގުޑުގުޑާކިޔަންވީނުން ށާށީ އެކޮޅުކޮޅުން ބަދަލުކުރީމަ ކިޔާނީ ށީށާ މިބަސް ދިވެހި ބަހަށް ބަދަލުކުރީމަ ކިޔެނީ ގުޑުގުޑާ ދޯ!!! މިވާހަކައިގެ ފަހަތުން ނަފްރަތުގެ އަލިފާނެއް ރޯވާނެ ހެން ހާދަ ހީވެޔޭ . އަސްލުވެސް ވަރަށް ރީތި މިހާރުގެ ކުދިންނަށް އިބރަތެއް ލިބޭނެ ކަމަށް އުއްމީދުކުރަން !!! ލަނޑާގިރާވަރު ސްޓާފެއް
-
ބުދަ، ޖެނުއަރީ 21 2009، 15:56
މާ ގޯހެއް ނޫން، ތިފަދަ ވާހަކަތަކުން ރަނގަޅު މެސެޖުތައް ލިއްބައިދޭނަމަ މުޖުތަމައުއަށް ރަނގަޅު ފައިދާ ކުރާނެ! (ރައްޒަ)
-
ބުދަ، ޖެނުއަރީ 21 2009، 16:12
ވަރަށްރީތި އަނެއްބަޔަށް އިންތިޒާރުކުރަން.އޯހ ހަމޯޒަގު
-
ބުދަ، ޖެނުއަރީ 21 2009، 17:45
ކޮންއިރަކުން އަނެއްބައި އަންނަނީ؟ ވަރަށް ރީތި ވާހަކަ. މާބޮޑަށް ސިޔާސީ ނުކުރާތި.
-
ބުދަ، ޖެނުއަރީ 21 2009، 19:19
ވަރަށް ކަމުދާ ވާހަކައެއް...
-
ހޮނިހިރު، ޖެނުއަރީ 24 2009، 10:55
ދެން އޯކޭ! މާ ސަޅިއެކޭވެސް ނުބުނެވޭނެ! -ހަސަނު-
-
ހޯމަ، ޖެނުއަރީ 26 2009، 10:54
ަ އޮބިނޯވޭ! އަވަސް އަނެއްބައި ގެނެސްދީ!!!!!
-
ހޯމަ، ޖެނުއަރީ 26 2009، 13:41
މިހާރުހެ ކުދިންނާއި ގުޅޭ ! ވަރަށް އިބްރަތްތެރި ވާހަކައަކަށްވާނެ! ވަރަށް ރީތި ވާހަކައެއް. ވީހާ އަވަހަކަށް މިވާހަކައިގެ އަނެއްބައި .... މަރްޔަމް
-
ބުދަ، ޖެނުއަރީ 28 2009، 15:31
ގޯހެއް ނޫން، ތިފަދަ ވާހަކަތަކުން ރަނގަޅު މެސެޖުތައް ލިއްބައިދޭނަމަ މުޖުތަމައުއަށް ރަނގަޅު ފައިދާ ކުރާނެ ކަމަށް އުއްމީދު ކުރަން.ބޮޑުހިތި ސްޓާފެއް.
-
ހުކުރު، ޖެނުއަރީ 30 2009، 17:54
ކިޔާ ހިއްވާ ގޮތެއް ނެތް އެކަމަކު ތިކުރާ މަސައްކަތަށް ޝުކުރިއްޔާ/ މޫސް
-
އާދިތްތަ، ފެބްރުއަރީ 1 2009، 11:32
މި ވާހަކަ ވަރަށް ސަޅި. އަނެއް ބަޔަށް އިންތިޒާރުކުރަނީ. މި ވަހާކަ ޝާއިއުކުރަނީ ކޮންމެ ހަފްތާއެއްގެވެސް ކޮންދުވަހެއްގަކަން ބުނެލަދީބަލަ.
-
އާދިތްތަ، ފެބްރުއަރީ 1 2009، 14:45
މިކަހަލަ ވާހަކަ ތަކުންވެސް ކުދިންނަށް އިބްރަތެއް ލިބޭނެކަމަށް އުއްމީދު ކުރަން ... (ޝަޒޫ)
-
އަންގާރަ، ފެބްރުއަރީ 3 2009، 10:51
ވަރަށް ރީތި ވާހަކައެއް. ޢިބުރަތްތެރި ވާހަކައެއް. ތިގޮތަށް އުޅޭ ކުދިންނަށް ވިސްނެންޏާ ކިތަންމެހާވެސް ރަނގަޅު. ދެން ކުރިޔަށް އޮތް ބަޔަށް އިންތިޒާރުކުރަން. ޝަނީ