
ށާށީ
1. ނިދަން އުނދަގޫވުން
މުޅިތަނުގައި އޮތީ އަލިފާން ރޯވެފައެވެ. ނަފީސަށް ހުރެވުނީ ހަދާނެގޮތެއް ނޭނގިފައެވެ. ދުއްވައިގަންނާނީ ކޮންދިމާއަކަށް ހެއްޔެވެ؟ ކުރިމަތީގައިވެސް އަދި ފަހަތުގައިވެސް އަލިފާނުގެ ބޮޑު ހުޅުގަނޑެވެ. އެތައް ކުދިންނެއް ހަޅޭއްފަޅޭއް ޖަހައެވެ. ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކޮށް ރޮއިހޭރެ އެވެ. އެކަމަކު އަޅާލާނެ އެކަކުވެސް ނެތެވެ. ކޮންމެ ކުއްޖަކުވެސް އުޅެނީ އަމިއްލައަށް ސަލާމަތް ނުވެވިގެންނެވެ. އަމުދުން ބޮޑުމީހަކު ފެންނާކަށް ނެތެވެ. މިހާލަށް އެކުދިން އުޅޭއިރު, އެކުދިންގެ މައިންބަފައިން ކޮބާ ހެއްޔެވެ؟ އާއިލާގެ މީހުން ކޮބާ ބާއެވެ؟ ނަފީސްވެސް ގޮވަން ފެށިއެވެ.
” މަންމާއެވެ! ބައްޕާއެވެ! އަހަރެން މަރުވަނީއެވެ؟ ސަލާމްކޮށްދޭށެވެ! އަހަންނަށް އެހީވާށެވެ.“ ކުރުފައި މައްޗަށް ނިދިފައި އޮތް ނަފީސް ކުއްލިއަކަށް ތެދުވިއެވެ. ހަޅޭއްފަޅޭއް ޖަހަމުންނެވެ. މަންމައާއި ބައްޕައަށް ގޮވަމުންނެވެ. އާއިލާގެ މީހުން ގާތުގައި އެހީތެރިވާށޭ ބުނަމުންނެވެ ނަފީސަށް ހޭވެރިކަންވީ އެހިސާބުންނެވެ. ފެނުނީ ހުވަފެނެކެވެ. ދެލޯހުޅުވާލުމަށްފަހު ކޮޓަރީގެ އެކި ދިމަދިމާއަށް ބަލާލިއެވެ. އޭރު ގާތުގައި އިނީ މަންމައެވެ. ނަފީސްގެ ދުލުން ގޮވަމުންދާ ގޮވުންތަކަށް އޭނާގެ މަންމައަށް ހޭލެވުމުން އެކޮޓަރިއަށް ވަދެ ނަފީސަށްވީ ގޮތް ބަލަން އިނީ އެވެ. އެއަޑަށް ނަފީސްގެ މާމަވެސް ހޭލިއެވެ. ގޭތެރޭގެ ހިމޭންކަން ގެއްލިދިޔައިރު, ދެން އިވެން ފެށީ މާމައާއި, މަންމަގެ އަޑެވެ.
”ކޮބާ! އޭރުވެސް ބުނަމެންނު, ޝަހާދަތް ކިޔާށޭ! ނުކިޔާތީ ވާހާ ގޮތްގޮތްތީ“ މާމަގެ ވާހަކަ, ނަފީސަށް ގަބޫލު ކުރެވުނެވެ. އެއީ އަބަދުވެސް މާމަ ދައްކާ ވާހަކަ އެކެވެ. އެންމެ ކުރީއްސުރެވެސް, ޝަހާދަތް ކިޔައިގެން ނިދުމަށް މާމަ ބުނެ އެވެ. ބިރުވެރި ހުވަފެނެއް ފެނިއްޖެ ކޮންމެ ދުވަހަކާއި, ވަގުތަކުވެސް އެކަން ހަދާންކޮށްދެނީ މާމަ އެވެ. މަންމަ ފެށީ ހިތްވަރުލާދޭށެވެ.
” ދެން އަވަހަށް ނިދާލާ! އިރުކޮޅަކުން ތެދުވަންވާނެ! މިހާރު އެއޮތް 4 ޖެހީ! މަންމަ އަބަދުވެސް ބުނަމެންނު ޝަހާދަތް ކިޔައިގެން ނިދާށޭ! އަވަހަށް ޝަހާދަތް ކިޔާ! އިނގޭ!“ ގައިމަތީ ފޮތިގަނޑު އަޅާދިނުމަށް ފަހު މަންމަ ހިނގައިގަތެވެ.
ނަފީސްގެ މަންމައާއި ބައްޕަގެ ހުންނަ ހަމައެކަނި ދަރިފުޅަކީ ނަފީސެވެ. އެމަންމައާއި ބައްޕަ ނަފީސް ދެކެ އިންތިހާއަށް ލޯބިވެ އެވެ. ނަފީސް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެ އެވެ. އެކަމަކު އެމަންމައާއި ބައްޕައަށް ނަފީސްގެ ފަރާތުން ލިބޭ މާބޮޑު އުފަލެއް ނެތެވެ. އަބަދުވެސް އޮންނަނީ ކޮންމެވެސް ބައެއް ނުވަތަ މީހެއްގެ ޝަކުވާއެއް ކުރިމަތިވެފަ އެވެ. ނަފީސްގެ އުޅުން ހުންނަގޮތުން ކޮންމެވެސް ނުރުހުމެއް ކުރިމަތިވެފަ އެވެ. އެތައް އިރެއް ވީއިރުވެސް ނަފީސަކަށް ނުނިދުނެވެ. ނަފީސަށް ވިސްނެނީއެވެ. މީގެކުރިން ދުވަހަކުވެސް އެކަހަލަ ހުވަފެނެއް ފެނިފައެއް ނެތެވެ! ބިރުވެރި ހުވަފެން ފެނުނަސް އެވަރަކަށް ދެރައެއް ނުވެއެވެ. އަސަރެއްވެސް ނުކުރެ އެވެ. ދެން އިވުނީ މަންމަގެ އަޑެވެ. ސްކޫލަށްދާން ތެދުވުމަށް މަންމަ ގޮވާލި އަޑެވެ. އެއަޑު ޖެހުމުން ނަފީސަށް މޫނު އަނބުރާލެވުނެވެ.
އެހެން ދުވަސްތަކާ ޚިލާފަށް މިއަދު ނަފީސްގެ މޫނު އެ އަނބުރާލީ މަންމަގެ ބަހަށް, ތެދުވުމަށެވެ. އެހެންޏާ ނަފީސް އުޅޭނީ ސްކޫލަށް ނުގޮސް ވޭތޯއެވެ. ކިޔެވުމަކީ މުހިންމު ކަމެއްކަން ނަފީސަށް ވިސްނިފައި އޮތަސް, އެކަން އޭނާ ކުރަނީ މަޖަލަކަށެވެ. ހެދުނުގެ އަރާމް ނިދިކޮޅު ގެއްލުވާލުމަށްފަހު, ތެދުވުމަކީ ކިޔެވުންދެކެ ނަފީސް ފޫހިވާ އެއް ސަބަބެވެ. ނަފީސް އެންމެ ރުޅިއަންނަނީވެސް އެކަމާ އެވެ.
މަންމައަށް ލިބިގެން ދިޔައީ ޙައިރާންކަމެވެ. މަންމަގެ މާބޮޑު އާދޭހަކަާ ނުލާ ނަފީސް ތެދުވުމުންނެވެ. ނަފީސަށް ހޭލެވުމަށްފަހު, އޭނާއަކަށް ނުނިދޭކަން އެމަންމަ ދެނެގަތެވެ. ނަފީސް ވަނީ ފާޚާނާ އަށެވެ. މަންމަގޮސް ވަނީ ބަދިގެއަށެވެ. ނަފީސަށް ވިސްނެނީ އެވެ. ހަމަ އެހުވަފެނާ މެދު އެވެ. އެހުވަފެނުގައި ބުނާގޮތުންނަމަ, ނަފީސް އުޅެނީ ސަލާމަތް ނުވެވިގެންނެވެ. އަޅާލާނެ މީހަކު ނެތިގެންނެވެ. އެޚިޔާލުތައް އެނބުރޭ ހިތާއެކު, ނަފީސް ފާޚާނާއިން ނުކުމެ, ހުވަފެނުގައި ކަންތައްވީގޮތް, މާމަ ގާތުގައި ކިޔައިދޭން ހިތަށް އެރިއެވެ. މާމައަކީ ހުވަފެން ތައުބީރު ކޮށްދޭ މީހެއްކަމަށް, ބައެއް މީހުން ބުނާތީ ނަފީސްވެސް އަހައެވެ. އެކަމަކު އެއީ ނަފީސް ޤަބޫލުކުރާ ކަމެއް ނޫނެވެ. އެގޮތަށް މާމަ ގެއަށް އަންނަ އެތައް ބަޔަކަށް ނަފީސްވެސް ހުވަފެން ތައުބީރު ކިޔާދީ މަލާމާތްކޮށް ހަދައެވެ. ނަމަވެސް މިއަދު ނަފީސްގެ ހިތް އެކަމަށް އެދެމުންދެއެވެ. އެހެންވެ, ހަމަ އަހާލާ ހިތްވީ އެވެ. ޚަތިމު ހިފައިގެން ޤުރުއާން ކިޔަވަން އިން މާމަ މާބޮޑު ސަމާލުކަމެއް ނުދެއެވެ. އެހެންޏާވެސް އެކަހަލަ ޖެއްސުން ނަފީސް އޭނާގެ މާމައަށް ކުރެއެވެ. ކޮންމެވެސް ހުވަފެނެއް ފެނިއްޖެއޭކިޔާ, މާމަ ގާތުން ކޮންމެވެސް ވާހަކައެއް އޮޅުންފިލުވާނެ އެވެ. އެކަމަކު ފަހުން އެއީ ދޮގެއްކަމަށް ބުނެ, މާމަ ރުޅިއަރުވާނެ އެވެ.
2. ހުވަފެން ތައުބީރު
މާމަ އަޅައެއް ނުލައެވެ. ނަފީސް ތަންކޮޅެއް ބާރަށް ބުންޏެވެ.
” މާމާ! ނިކަން އަޑު އަހާބަލަ, ރޭގައި ފެނުނު ހުވަފެނުގައި އެބުނަނީ ކީކޭތަ؟“ މާމަ ކިޔެވުން ހުއްޓާލިއެވެ. ޚަތިމު ލައްޕާލި އެވެ.
”އާނ! އަނެއްކާވެސް އެއްޗެކޭ ކިޔާފައި މާމަ ހައްދަންދޯ ތިއުޅެނީ!“ މާމަގެ އަޑުގައި ހުރީ ސަމާސާ ރާގެވެ. ” ނޫން. މިފަހަރު ހަމަ ތެދު! ރޭގައި ފެނުނު ހުވަފެން ވަރަށް އެހެން ކަހަލަ“ ނަފީސަށް ފެނުނު ހުވަފެނުގައި ކަންތައް ވީގޮތް މާމައަށް ކިޔައިދެމުން ދިޔައެވެ. ” ތީވަރަށް އެހެން ކަހަލަ ހުވަފެނެއް. ތިބުނީ ހަމަތެދަށްތަ.“ މާމައަށް ކޮށްލެވުނީ ސުވާލެކެވެ.
” އަލިފާންގަނޑުން ދަރިފުޅު ސަލާމަތްވިތަ؟“ މާމަކުރި ސުވާލަށް ނަފީސް ނޫނެކޭ ބުންޏެވެ. މާމަ ވިސްނާލުމަށް ފަހު ބުންޏެވެ.
” ކޮންމެވެސް ކަމެއް ހިނގާން އުޅޭހެން ހީވަނީ. ޔަގީނެއް ނޫން“ މާމަގެ ހިތުގައި އޮތް ވާހަކަ ފޮރުވުމަށްފަހު ނަފީސަށް ޖަވާބު ދިނެވެ.
”ބަލަ! އަދިވެސް ތިހުރީ ޔުނީފޯރމް ނުލައެއްނު! މިހާރު އެއޮތް ގަޑިޖެހެނީ! އަވަހަށް ތައްޔާރުވެލައިގެން އާދޭ ސައިބޯން“ ނަފީސްގެ ވާހަކަތައް މެދުކަނޑާލުމަށް މަޖްބޫރުވީ މަންމައާ ހެދި އެވެ. މާމަވެސް ބުނީ އަވަސްކޮށްލައިގެން ސައިބޯން ދިއުމަށެވެ. ހުވަފެން ތައުބީރުކުރާނީ ސްކޫލުން އައިސްކަމުގަ އެވެ. މަންމައާ ހެދި ކަމެއް ކުރެވޭކަށް ނޯންނާނެ އެވެ. އަބަދުވެސް ހުންނާނީ ލަސްވެފަ އެވެ. ގަޑިޖެހިދާނެތީ މަންމަމެން އެގަންނަނީ އަމަށަކު ބިރެއް ނޫނެވެ. މާމަވެސް ހުންނާނީ މަންމަގެ ކޮޅަށެވެ. އެތައް ޚިޔާލުތަކަކާއިއެކު, ނަފީސް ހިގައިގަތީ ކޮޓަރިއަށެވެ. އަވަސް އަވަހަށް ތައްޔާރުވެލުމަށެވެ.
ވެކްސް ޖެލްފުޅިއަށް އިނގިލި ކޮށްޕާލުމަށްފަހު, ބޮލުގައި އަތް އުގުޅާލި އެވެ. ދެއަތުން ބޮލުގެ ދެފަރާތުގައި އަތްކާއްތާލީ, ލޯގަނޑާ ދިމާއަށް ބަލަހައްޓައިގެން ހުރެ އެވެ. ނިތްކުރިއާ ދިމާއަށް ފައިބައިފައި އޮތް އިސްތަށިކޮޅު, ޝަހާދަތް އިނގިއްޔާ މެދުއިގިއްޔާ ދެމެދަށްލާ އުފުލާލި އެވެ. ދެތިން ފަހަރަކު އެގޮތަށް ފަށްކޮށްލުމަށްފަހު އަމިއްލަ ސޫރައަށް ބަލާލި އެވެ. އަދި ލޯގަނޑަށް ބޯޖަހާލި އެވެ. ކޮޑުގައި އަޅުވާފައިހުރި ޔުނީފޯރމް ލުމަށްފަހު ދަށަށް ޖަހާލި އެވެ. ކުރިމައްޗަށާއި ފުރަގަހަށް ލެނބިލުމަށްފަހު ބެގީދޫކޮށްލީ, ކަމަރުވެސް ނުފެންނަ ވަރަށެވެ. އެއަށްފަހު, ބެގީ އެއްވަރުކޮށްލި އެވެ.
” ދަރިފުޅާ މިހާރު އެއޮތް ގަޑި ޖެހެނީއްޔޭ! މިއަދު, ތަންކޮޅެއް ކުރިން ތެދުވީމާވެސް ތީ ވީވަރަކީ! އެހެން ދުވަހެކޭ ވަކި ތަފާތެއް އެބަހުރިތަ!“ ކޮޓަރީގެ ދޮރުމައްޗަށް އެރުމަށް ފަހު ނަފީސަށް އޭނާގެ މަންމަ ކުރީ ސުވާލެކެވެ.
” ދެން މިނިމުނީ! މިނިކުންނަނީ“ ނަފީސް ޖަވާބުދިނެވެ.
” ބަލަ! ތިހެން ހުރީމަޔޭ ކުރީ ދުވަހުވެސް ދަރިފުޅު ބޭރަށްލީ! ތިގޮތަށް ބޮލަށް ނުހަދާށޭ! މަންމަ ބުނެމެއްނު! ތިބޯވެސް ތިހުރީ މިހާރު ކޮށަންވެފައި!“ މަންމައަށް ޝަކުވާ ކުރެވުނެވެ.
” ދެން މަންމާ! މަންމަޔާ ހެދި ނޯންނާނެ! ގޮތަކަށް ފުނާ އަޅާލެވޭކަށް! ބެގީކޮށްލެވޭކަށް!“ ނަފީސް ހިތްހަމައެއް ނުޖެހުނެވެ.
” ހޫނ! ހޫނ! ދެން ހިނގާ އަވަހަށް! މިހާރު އެއޮތް ގަޑިޖެހެނީ!“ މަންމަ ބެލީ ނަފީސް ރުއްސާލާށެވެ! ނަފީސް ރުޅިއަތުވެއްޖެނަމަ, ސްކޫލަށް ނުގޮސް ހުރެދާނެތީ އެވެ. އެގޮތަށް އެތައް ދުވަހަކު ހަދައިފައިވާތީ އެވެ.
”ކޮބާ! އިންޓަވަލް ރުފިޔާ“ ގެއިން ނިކުންނަމުން ނަފީސް ސުވާލުކުރި އެވެ.
”ކޮބާ އިއްޔެ ދިން -/02 ރުފިޔާ! މިހާރު އެއަށް ކިހިނެއް ހެދީ! މަންމަ ބުނީމެއްނު ދެދުވަހަށް އެއިން ފުއްދާށޭ!“ މަންމަވެސް އިތުރު ސުވާލެއް ކުރި އެވެ.
” އެހުސްވެއްޖެ! ކުއްޖަކު ބަނޑުހައިވެގެން އުޅޭތީ! އެކުއްޖާއަށް ފުޅިދިނީ!“ އެއީ އަބަދުވެސް ނަފީސް ދައްކާ ވާހަކަ އެވެ. ކިތަންމެ މަދުން ދިނަސް ގިނައިން ދިނަސް އޮންނަނީ ނުފުދިފަ އެވެ. ނަފީސްގެ ބައްޕަވެސް އެކަމާ ހިތްހަމައެއް ނުޖެހެ އެވެ. އެކަމަކު އިންޓަވަލަށް ރުފިޔާ ނުދީފިނަމަ, އެނިމުނީ އެވެ. ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ އެވެ. ނަފީސް ދެކޭގޮތުގައި, ނަފީސް ބުނާ ހުރިހާކަމެއް އޭނާގެ މަންމައާއި ބައްޕަ ކޮށްދޭން ޖެހޭނެ އެވެ.
ސްކޫލާ ހަމައަށް ނަފީސް އައިއިރު, އޭނާގެ ފަހަތުން މަންމަވެސް އައެވެ. ނަފީސް ހަދާ ނުހަދާގޮތް ބެލުމަށެވެ. މަންމަގެ ހިނގުން ބަދަލުކޮށްލީ, ސްކޫލުގެ ދޮރާށިން ނަފީސް އެތެރެވުމުންނެވެ. އެއީ ކޮންމެދުވަހަކުވެސް އެމަންމަގެ އާދައެވެ. ނަފީސް ބަލާއައުމާ, ނަފީސް ގެނެސްލާ ހެދުމަކީ ނަފީސްގެ މަންމައާއި ބައްޕަ ގަވައިދުން ކުރަމުންދާ ކަމެކެވެ. އެވަރުންވެސް އޮންނަނީ ގޯހެއް ހަދާފަ އެވެ. ސްކޫލް ތެރޭގައި ކޮންމެވެސް ސަކަރާތެއް ޖަހާފަ އެވެ. މިހާރު އެތައް ފަހަރަކު, ނަފީސަށް އިންޒާރު ދީފައިވެއެވެ. ނަފީސްގެ މަންމަ އާއި ބައްޕަ, އޮފީހަށް ހާޒިރުކޮށް, ނަފީސްގެ އުޅުން ހުންނަގޮތުުގެ ވާހަކަ ދައްކާފައި ވެއެވެ. ނަމަވެސް ނަފީސަކަށް މާބޮޑު އިސްލާހެއް އައިސްފައި ނުވާކަން އޭނާގެ މަންމައާއި ބައްޕަ ގަަބޫލުކުރެއެވެ. ޚުދު ނަފީސަށްވެސް އެކަން ގަަބޫލުކުރެވެ އެވެ.
(ނުނިމޭ)
-
ހުކުރު، ޖެނުއަރީ 9 2009، 17:47
އަހަންނައް ކިޔަނީ؛އަބުދޯ؛ތިވާހަކައިގައި ތީ އަހަރެންއުލުނު ގޮތުގެވާހަކަ ހަމަ ދޮގު ނަހަ ދާ މި ބުނަނީ .އަހަރެންގެ އަތުން ކުރެވުނު އެމްމެ ކުށަކުން އަހަރެން މިހިރީ ކިޔެވުންވެސް ހުއްޓާލާފަ މިހާރު ވަރައް ދެރަވޭ.ނުނިމި އޮތްބާ އަވަހަ ގެނެސް ދިނުން އެދެން މިވާހަކަ މީ ހިޔާލީ ވާހަކަ އެއް ނޫން ހަގީގަތެއް.
-
ހުކުރު، ޖެނުއަރީ 9 2009، 19:42
ނަފީސް ހާދަ ސްޓައިލިޝް އޭ.
-
ހޮނިހިރު، ޖެނުއަރީ 10 2009، 09:15
ވަރަށް ރީތި
-
ހޯމަ، ޖެނުއަރީ 12 2009، 09:16
vވަރަށް ކިޔާހިތްވޭ، ވަރަށް ހިތްހަމަޖެހޭ. ދެން އަންނަ ބަޔަށް އިންތިޒާރުކުރަން