ކީރިތި ޤުރުއާނުގެ މުޢުޖިޒާތްތަކުގެ ތެރެއިން

ސެޕްޓެމްބަރ 30 2008، 12:50 0 ޚިޔާލު

މުހައްމަދު ފަރީދު

ކީރިތި ޤުރުއާނުގައިވާ މުއުޖިޒާތްތަކަކީ އެފޮތާއި އެފޮތުގައިވާ ވާހަކަތަކާމެދު ވިސްނި ވަރަކަށް އިތުރުވާއެއްޗެކެވެ. އެފޮތަކީ އެއްކައުވަންތަ މާތްރަސްކަލާންގެ ފޮތެއްކަން އެފޮތާއިމެދު ވިސްނައި ފިކުރު ހިންގި ވަރަކަށް ޔަގީންވާނެއެވެ. އެފޮތުގައިވާ ޝަރުޢީ ޙުކުމު ތަކަކީ އެޔާ އެއްފަދަ ޙުކުމުތަކެއް ގެނެސްގަތުމަށް އިންސާނުންނަށް ކުޅަދާނަ ޙުކުމުތަކެއްނޫނެވެ. އެއީ އެފަދަ ޝަރުޢީ ޙުކުމުތަކެއް އިންސާނުންގެ މައްޗަށް ކަނޑައެޅުއްވީ ކީއްވެކަން ހަމަ އެނގިވޮޑިގަންނަވާނީ މި ނިކަމެތި އިންސާނާވެސް އުފެއްދެވި ގަދަ ކީރިތި ވަންތަ ރަސްކަލާންގެއަށެވެ. އަދި އެފޮތުގައިވާ ޣައިބުގެ ޚަބަރުތަކާއި ވާހަކަތަކަކީވެސް މުޢުޖިޒާތެކެވެ. ހަމަ އެގޮތަށް އެފޮތުގައިވާ ޢިލްމީ ޙަގީގަތްތަކަކީވެސް މުޢުޖިޒާތެކެވެ. ސައިންސުގެ ކުރިއެރުންތަކާއެކު އޭގެ ތެދުކަން ހާމަވާކަމެކެވެ. އަދި އެފޮތުގައި ސޫރަތްތައް އެކުލެވިގެންވާ އަދަދާއި އެކި ސޫރަތްތަކުގައި އާޔަތްތައް ހިމެނޭ އަދަދާއި އާޔަތްތަކުގައި ކަލިމަ ނުވަތަ ބަސްތައް ހިމެނިފައިވާ އަދަދާއި އެބަސްތަކުގައި އަކުރު އެކުލެވިގެންވާ އަދަދަކީވެސް މުއުޖިޒާތެއްކަމަށް ކީރިތި ޤުރުއާނާ ބެހޭ ގޮތުން ފަހުގެ ދިރާސާތައް ކުރެއްވި ޢިލްމުވެރިން އެއްބަސްވެލައްވައެވެ.

އަޅުގަނޑުގެ މި ސިލްސިލާ މަޒުމޫނަކީވެސް ކީރިތި ޤުރުއާނުގައިވާ އަދަދުގެ މުއުޖިޒާތާބެހޭގޮތުން ލިޔުއްވި ޢިލްމުވެރިއެއް ކަމަށްވާ އަބުދުއް ދާއިމު އަލްކަހީލު ގެ ލިޔުއްވުންތަކަށް ބިނާކޮށް ލިޔެވޭ މަޒުމޫނެކެވެ.

ނިސާ ސޫރަތުގެ 82ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ. "ފަހެ ޤުރުއާނާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީ ހެއްޔެވެ؟ އެ ޤުރުއާނަކީ ﷲނޫން އެހެން ފަރާތަކުން އައިއެއްޗެއް ކަމުގައި ވީނަމަ ގިނަވެގެންވާ ތަފާތުތައް އެއުރެނަށް އެއިން ފެނުނީހެވެ."

ކީރިތި ޤުރުއާނަކީ މާތްރަސްކަލާންގެ ބާވައިލެއްވެވި ފޮތެކެވެ. އެފޮތުގައިވާ ވާހަކަތަކާއި ޚަބަރު ތަކަކީ އިންސާނުންގެ ވިސްނުމަށް ގެނެސްގަނެވޭނެ ވާހަކަތަކެއްނޫނެވެ. އަދި އެކަލާންގެއީ އެކަލާންގެއަށް ބައިވެރިޔަކު ޝަރީކަކު ނުވާ ފަރާތެކެވެ. އެކަލާންގެއަށް ދަރިއަކު ނުވަތަ ބަފަޔަކު ނުވެއެވެ. އެކަލާންގެއަށް ފެށުމެއް އަދި ނިމުމެއްވެސް ނުވެއެވެ. އެކަލާންގެއީ ހަމަ އެންމެ ފަރާތެކެވެ. ހަމަ އެއް ފަރާތެކެވެ.

އެނގޭހެއްޔެވެ؟ ކީރިތި ޤުރުއާނުގައި އެންމެ ގިނައިން ލިޔެވިފައިވާ ބަސްފުޅަކީ ކޮބައިހެއްޔެވެ؟ އެއީ ﷲ މި ބަސްފުޅެވެ. އަދި ކީރިތި ޤުރުއާނުގައި އެންމެ ގިނައިން ވާރިދުވެފައިވާ އަދަދަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ (واحـد) އެކެއް މި އަދަދެވެ. ތަފާތު އެކިއެކި އަދަދުތައް އެތަކެއް ފަހަރު ޤުރުއާނުގައި ވާރިދު ވެފައިވީކަމުގައިވިޔަސް އެކެއް މިއަދަދު އެންމެ ގިނައިން ވާރިދުވެފައިވުމުން ދޭހަވަނީ ކޮންކަމެއްހެއްޔެވެ؟

ޤުރުއާނުގައި އެންމެ ގިނައިން ވާރިދުވެފައިވާ ބަސްފުޅަކީ އެކަލާންގެ އިސްމުފުޅުކަމުގައިވުމުން ދޭހަ ކޮށްދޭ ކަމަކީ މީ އެކަލާންގެ ފޮތް ކަމެވެ. އެކަލާންގެ ފޮތުގައި އެކަލާންގެ އިސްމުފުޅު އެންމެ ގިނައިން ލިޔެވުމަށް އެކަލާންގެ އިރާދަކުރެއްވީއެވެ. އަދި އެފޮތުގައި އެންމެ ގިނައިން ވާރިދުވި އަދަދަކަށް އެކެއް މިއަދަދު ވުމުން ދޭހަކޮށްދެނީ އެގުރުއާން ބާވައިލެއްވީ އެއްފަރާތަކުން ކަމެވެ. އަދި ﷲއީ އެއްފަރާތެއްކަމެވެ. ފަހެމީ ވިސްނައި ބަލައިފި ބަޔަކަށް މުޢުޖިޒާތެއް ނޫންހެއްޔެވެ؟ މިއީކީ އިއްތިފާގަކުން ވެފައިއޮތް ކަމެއްނޫނެވެ. އެހެނީ އެކަލާންގެ އަންގަވަނީ މި ޤުރުއާނާމެދު ވިސްނައި ފިކުރު ކުރުމަށެވެ. އޭރުން އެއީ އެކަލާންގެ ހަޒުރަތުން އައި އެއްޗެއްކަން އިންސާނުންނަށް އެނގޭނެ ކަމަށެވެ. ވިސްނައި ފިކުރު ކުރާބަޔަކަށް ޤުރުއާނުން މިކަހަލަ ކިތަންމެ ކަމެއް ފެންނާނެއެވެ.

އަހަރެމެން މުސްލިމުންނަށް އެންމެ ހެޔޮ އިބާރާތަކީ { لا إله إلا الله} މިއިބާރާތެވެ. މާތްﷲގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. " ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ކުރީގެ ނަބިއްޔުން ވިދާޅުވި ބަސްފުޅުތަކުގެ ތެރެއިން ވެސް އެންމެ ހެޔޮކަން ބޮޑު ބަހަކީ {لا إله إلا الله} މިކަލިމައެވެ. މިއިބާރާތުގެ މާނައަކީ ﷲމެނުވީ އިލާހަކު ނެތެވެ. މާނައަކީ ހަމައެކަނި އިލާހަކީ ﷲކަމެވެ. އެކަމަކު މި ފުރިހަމަ އިބާރާތުގައި ތަކުރާރުވާ އަކުރުތައް ނުލާ ހިމެނެނީ އެންމެ ތިންއަކުރެވެ. އެއީ މިއަކުރުތަކެވެ. {الألف اللام الهاء} އަލިފާއި ލާމާއި ހާ އެވެ. ދެން ﷲ މިކަލިމައަށް ބަލާލާށެވެ. މިކަލިމައިގަވެސް އެވަނީ ހަމަ މިތިންއަކުރެވެ. އަލިފާއި ލާމާއި ހާ މިތިން އަކުރެވެ.

ފަހެ ދުނިޔޭގައިވާ އެއްވެސް އަދީބަކަށް އެމީހެއްގެނަން ތިންއަކުރުން ބުނެފައި ހަމައެކަނި އެތިންއަކުރު ބޭނުންކޮށްގެން އެމީހެއްގެ ތައާރަފެއް ދެވިދާނެހެޔެވެ. އެމީހަކީ ކޮންކަހަލަ މީހެއްކަން ކިހާވަރެއްގެ މީހެއްކަން އެންމެ ތިންއަކުރު ބޭނުންކޮށްގެންހެދިފައިވާ ޖުމުލައަކުން ބުނެދެވިދާނެހެއްޔެވެ؟ އަޅެނިކަން އެފަދަ ޖުމުލައެއް ހެދޭތޯ އަމިއްލައަށް ވިސްނާލާށެވެ.

މިކަންކަމުން އަންގައިދެނީ މާތްﷲ ޤުރުއާނުގައި ކަލިމަތަކާއި އާޔަތްތައް ގެނެސްދެއްވާފައިވަނީ ނުހަނު ހިކުމަތްވަންތަ ގޮތަކަށް ކަމެވެ. އެފަދަ އާޔަތެއް އަދި އެފަދަ ކަލިމައެއް ގެނެސްގަތުމަށް އިންސީންނާއި ޖިންނީން އެކުވެ މަސައްކަތްކުރިކަމުގައިވިޔަސް އެކަމެއް ނުވާނެއެވެ. ހޫދު ސޫރަތުގެ އެއްވަނަ އާޔަތުގައި ވަހީކުރައްވާފައިވާ އާޔަތުގެ މާނައިގައިވެއެވެ. "މިއީ ފޮތެކެވެ. އެފޮތުގެ އާޔަތްތައްވަނީ އޮޅުމެއްނެތި މާނަ ސާފުކޮށް އެނގޭގޮތުގައި ފުރިހަމަ ނިޠާމަކުން ތަންޒީމު ކުރައްވާފައެވެ. އަދި އެ (ފޮތުގައިވާ ހުރިހާ ތަކެއްޗެއް) ވަނީ ތަފުސީލުކޮށް ބަޔާންކުރައްވާފައެވެ."

ކީރިތި ޤުރުއާނާއި ހަތެއް މި އަދަދު

ކީރިތި ޤުރުއާނުގައި އެންމެ ފުރަތަމަ ވާރިދުވެފައިވާ އަދަދަކީ ހަތެއް މިއަދަދެވެ. ބަޤަރާ ސޫރަތުގެ 29ވަނަ އާޔަތުގައި މާތްﷲ ވަހީކުރެއްވާފައިވެއެވެ. (ثُمَّ اسْتَوَى إِلَى السَّمَاءِ فَسَوَّاهُنَّ سَبْعَ سَمَاوَاتٍ) މާނައީ "ދެން އެކަލާންގެ އުޑުހެއްދެވުމަށް އިރާދަކުރައްވައި އެއުޑުތަކުގެ ހެއްދެވުން ހަތްއުޑަށް ފުރިހަމަ ކުރެއްވެވިއެވެ." އެންމެ ފުރަތަމަ ޤުރުއާނުގައި ވާރިދުވި އަދަދަކީ މިއާޔަތުގައި އެވާ (سبع)"ހަތެއް" މިއަދަދެވެ. ޤުރުއާނުގައި އުޑުގެ އުފެއްދުން ހަތްއުޑަށް ފުރިހަމަކުރެއްވިކަމަށް އަންގަވާފައިވެއެވެ. ސައިންސުގެ ހޯދުންތަކުން އެނގޭ ގޮތުގައި ބިންވެސް ބެހިފައިވަނީ ހަތް ފަށަލައަކަށެވެ.

އެނގޭހެއްޔެވެ؟ ކީރިތި ޤުރުއާނުގައި އުޑުގެވާހަކަ ބަޔާންކުރެވިފައިވާ ފަހަރުތަކުގެ ތެރެއިން ހަތަކާއި ގުޅުވައިގެން އުޑުގެވާހަކަ އައިސްފައިވަނީ ކިތައްފަހަރުހެއްޔެވެ؟ ނުވަތަ ހަތްއުޑޭ މިގޮތަށް ވާރިދުވެފައިވަނީ ކިތައް ފަހަރުހެއްޔެވެ؟ ޖަވާބަކީ ހަތްފަހަރުއެވެ. އެފަހަރުތަކަކީ ...

1ـ ﴿ثُمَّ اسْتَوَى إِلَى السَّمَاء فَسَوَّاهُنَّ سَبْعَ سَمَوَاتٍ﴾ [البقرة : 29].

2ـ ﴿تُسَبِّحُ لَهُ السَّمَوَاتُ السَّبْعُ وَالأَرْضُ وَمَن فِيهِنَّ﴾ [الإسراء : 44].

3ـ ﴿قُلْ مَن رَّبُّ السَّمَوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ﴾ [المؤمنون : 86].

4ـ ﴿فَقَضَاهُنَّ سَبْعَ سَمَوَاتٍ فِي يَوْمَيْنِ﴾ [فصلت : 12].

5ـ ﴿اللَّهُ الَّذِي خَلَقَ سَبْعَ سَمَوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ﴾ [الطلاق : 12].

6ـ ﴿الَّذِي خَلَقَ سَبْعَ سَمَوَاتٍ طِبَاقاً﴾ [الملك : 3].

7ـ ﴿أَلَمْ تَرَوْا كَيْفَ خَلَقَ اللَّهُ سَبْعَ سَمَوَاتٍ طِبَاقاً﴾ [نوح : 15].

ﷲގެ އަޅާ އެކަލާންގެއާ އެންމެ ބޮޑަށް ކުއްތަންވާ ވަގުތަކީ ސަޖިދައިގައި އޮންނަ ވަގުތުކަމުގައި މާތްރަސޫލާ އަންގަވާފައިވެއެވެ. ސަޖިދައިގައި އޮންނަ ވަގުތަކީ އިންސާނާ ﷲގެ ޙަޒުރަތުގައި ދުއާދަންނަވާ ވަގުތެކެވެ. ﷲގެ ރަސޫލާގެ އަރިހުން ﷲއެންމެ ލޯބިވެވޮޑިގަންނަވާ އަމަލަކީ ކޮބައިތޯ އެހުމުން ވެސް ހަދީޘްކުރެއްވީ އެއީ މާތްﷲއަށް ސަޖިދަ ކުރުން ކަމުގައެވެ.

އެނގޭހެއްޔެވެ؟ އަހަރެމެން ސަޖިދައަށް ތިރިވަނީ ހަތް ގުނަވަނުގެ މައްޗަށެވެ. އެއީ ދެއަތްތިލަޔާއި ދެފައިގެ އިނގިލިތަކާއި ދެކަކުލާއި ނިތްކުރިއެވެ. ކީރިތި ރަސޫލާ ގެ ޙަދީޘްބަސްފުޅެއްގެ މާނައިގައިވެއެވެ. " ތިމަންކަލޭގެ ފާނަށް ހަތްގުނަވަނުގެ މަށްޗަށް ސަޖިދައަށް ތިރިވުމަށް އަމުރު ކުރެވިގެންވެއެވެ."

އެނގޭހެއްޔެވެ؟ ގެފުޅުވަށައިގެން ޠަވާފު ކުރަނީވެސް ހަތްފަހަރުއެވެ.

ޞަފާއާއި މަރުވާއާއި ދެމެދު ގައިވެސް ޖަހަންޖެހެނީ ހަތްބުރެވެ.

އަދި ލައުނަތްލެއްވި އިބިލީސްގެ ގަޔަށް ހިލަ އުކަންޖެހެނީވެސް(ޖަމުރާއަށް ހިލައުކުން) ހަތްފަހަރުއެވެ. އަދި އެއިން ކޮންމެ ފަހަރަކު އުކަން ޖެހެނީވެސް ހަތް ހިލަކޮޅެވެ.

ހަދީޘްބަސްފުޅުތަކުން އެނގޭ ގޮތުގައި ނަރަކައިގައިވަނީ ހަތްދޮރެވެ. އަދި ޤުރުއާނުގައި ނަރަކައިގެ ވާހަކަ ބަޔާންވެފައިވަނީވެސް ހަތްދިހަ ހަތް ފަހަރުއެވެ. ހަތްދިހަ ހަތެއްމިއީ ހަތަކުން ގެއްލިހުސްވާ އަދަދެކެވެ. (77=11×7)

ހައިރާނެއް ނުވޭހެއްޔެވެ؟ ޤުރުއާނުގައި ނަރަކައިގެ ވާހަކަ ހަތްދިހަ ހަތްފަހަރުބަޔާންވެފައި ނަރަކައިގައިވަނީ ހަތްދޮރުކަމަށް ރަސޫލާގެ ސުއްނަތުން ސާބިތުއެބަވެއެވެ. އަދި ހަތްދިހަ ހަތެއް މީ ހަތަކުން ގެއްލި ހުސްވާ އަދަދެކެވެ.

ކީރިތި ޤރުއާނުގައި އެންމެ ފުރަތަމަ ހަތެއް މި އަދަދު ވާރިދުވެފައިވަނީ ބަޤަރާ ސޫރަތުގެ 29ވަނަ އާޔަތުގައެވެ. (ثُمَّ اسْتَوَى إِلَى السَّمَاءِ فَسَوَّاهُنَّ سَبْعَ سَمَاوَاتٍ) އަދި އެންމެ އެންމެ ފަހުން ހަތެއް މިއަދަދު ވާރިދުވެފައިވަނީ النبأ ސޫރަތުގެ 12ވަނަ އާޔަތުގައެވެ. { وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا }

އެނގޭހެއްޔެވެ؟

• ބަޤަރާ ސޫރަތަކީ ކީރިތި ޤުރުއާން ތަރުތީބު ކުރެވިފައިވާ ގޮތުން ދެވަނަ ސޫރަތެވެ. އަދި النبأ ނުވަތަ ދިވެހިން ކިޔާގޮތަށް އައްމާ ސޫރަތަކީ ތަރުތީބުން 78ވަނަ ސޫރަތެވެ. އެހެންކަމުން ކީރިތި ޤުރުއާނުގައި ހަތެއް މިއަދަދު ފުރަތަމަ ފަހަރަށް ވާރިދުވެފައިވާ ސޫރަތުންފެށިގެން އެންމެ ފަހުން ވާރިދުވެފައިވާ ސޫރާތާ ހަމަޔަށް ވަނީ 77ސޫރަތެވެ. އަދި ހަތްދިހަ ހައެއް މީ ވެސް ހަތަކުން ގެއްލި ހުސްވާ އަދަދެކެވެ. (77=11×7)

• ހަމަމިގޮތަށް ފުރަތަމަ ފަހަރަށް ހަތެއް ވާރިދުވެފައިވާ އާޔަތުން ފެށީގެން އެންމެ ފަހަށް އެ އަދަދު ވާރިދުވެފައިވާ އާޔަތާ ހަމަޔަށް ކީރިތި ޤުރުއާނުގައިވާ އާޔަތްތަކުގެ އަދަދުވެސް ހަތަކުން ގެއްލި ހުސްވެއެވެ. އެއީ ބަގަރާ ސޫރަތުގެ 29 ވަނަ އާޔަތުން ފެށިގެން النبأ ސޫރަތުގެ 12ވަނަ އާޔަތާހަމަޔަށެވެ. އެދެމެދުގައިވާ އާޔަތްތަކުގެ އަދަދަކީ 5649އާޔަތެވެ. (5649 = 7× 807 )

• އަދި އެންމެ ފުރަތަމަ ހަތެއް ވާރިދުވެފައިވާ އާޔަތުގެ ކުރިޔަށް އެސޫރަތުގައި އެބަހީ ބަޤަރާ ސޫރަތުގައި ވާ އާޔަތްތަކުގެ އަދަދާއި އެންމެ ފަހަށް ހަތެއްވާރިދުވި ސޫރަތުގައި އެބަހީ النبأ ސޫރަތުގައި ހަތެއް ވާރިދުވެފައިވާ އާޔަތުގެ ފަހަށް އެސޫރަތުގައިވާ އާޔަތްތަކުގެ އަދަދުވެސް އެއްވަރެވެ. އެ އަދަދަކީ އަށާވީހެވެ. އަދި 28 މި އދަދަކީވެސް ހަތަކުން ގެއްލި ހުސްވާ އަދަދެކެވެ.

ފުރަތަމަ ހަތެއް ވާރިދުވެފައިވަނީ ބަޤަރާ ސޫރަތުގެ 29ވަނަ އާޔަތުގައިކަމުން އޭގެ ކުރިޔަށް އެސޫރަތުގައި ވާނީ28 އާޔަތެވެ. އަދި އެންމެފަހުން ހަތެއް ވާރިދުވެފައިވަނީ النبأ ސޫރަތުގެ 12ވަނަ އާޔަތުގައެވެ. މި ސޫރަތުގައި މުޅި ޖުމުލަ ވަނީ ސާޅީސް އާޔަތެވެ. އެހެންކަމުން 12ވަނަ އާޔަތުގެ ފަހަށް ނުވަތަ ތޭރަ ވަނަ އާޔަތުން ފެށިގެން އެސޫރަތުގައިވަނީ ވެސް 28 އާޔަތެވެ. އަދި މިއަދަދަކީވެސް ހަތަކުން ގެއްލި ހުސްވާ އަދަދެކެވެ. (28=7×4)

މިފަދަ ގޮތަކަށް އާޔަތް ތައް އިންސާނަކަށް ތަރުތީބު ކުރެވިދާނެ ހެއްޔެވެ؟ ނުވަތަ މި ތަރުތީބު ކުރެވުމަކީ ހަމަ ހުރެފައި އިއްތިފާގަކުން ދިމާވި ކަމެއްހެއްޔެވެ؟ ނޫނެކެވެ. ޤުރުއާނަކީ މާތް ﷲގެ ފޮތެވެ. އެކަލާންގެ ފޮތުގައިވާ މިފަދަ ކިތަންމެ ސިއްރެއް އެކަންކަމާއިމެދު ވިސްނައި އުޅުނު ބަޔަކަށް އެނގޭނެތެވެ.

(ނުނިމޭ)


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv