

ބައިތުލް މާލުން ހޭދަކުރުން
މުހައްމަދު ފަރީދް
އެއްވެސް ޝައްކެއްނެތި އެނގޭ ގޮތުގައި ބައިތުލްމާލަކީ ރައްޔިތުންގެ މުދަލެކެވެ. ނުވަތަ ރައްޔިތުންގެ ފައިސާއެވެ. ބައިތުލްމާލުގެ ވެރިފަރާތަކީ ފާޅުވެ އެނގޭ ގޮތުގައި އެތަނެއްގެ ރައްޔިތުންނެވެ. އެހެންނަމަވެސް ބައިތުލްމާލު ބެލެހެއްޓުމަށް ޙަވާލުކުރެވެނީ އެތަނެއްގެ ވެރިޔަކާއެވެ. ނުވަތަ މިޒަމާނުގެ ޑިމޮކުރަސީގެ ހަމަތަކާއި އުސޫލުތަކުގެ ދަށުން ވެރިންތަކަކާއިވެސް ހަވާލުވެއެވެ. ރައީސްއަކާއި ގަވަރުނަރަކާއި ފިނޭންސްމިނިސްޓަރެއްގެ ބެލުމުގެ ދަށުން ބައިތުލްމާލުން ހޭދަކުރެވެއެވެ. ތަފާތު އެތަކެއް ބަޔަކާއި ހަވާލުކުރެވިގެން އެއިން ޚަރަދު ކުރެވުނު ކަމުގައިޔަސް އެއީ ހަމަ ރައްޔިތުންގެ ހައްގެކެވެ. އެއިން ހޭދަކުރަން ޖެހޭނީ މުޅިރަށެއްގެޔިތުންގެ ލާބައާއި މަންފާއަށެވެ. އަދި މިގޮތުން ކުރާ ޚަރަދުތައްވެސް އޭގެ ހައްދު ފަހަނަ އަޅައި ގޮސްގެން ނުވާނެއެވެ.
މުސްލިމު ޢިލްމުވެރިން ދެކޭގޮތުގައި ބައިތުލް މާލުން ޚަރަދު ކުރުމުގައި ދެކަމަކަށް ބަލައިލާން ޖެހެއެވެ.
އެއީ:
1- ޚަރަދުކުރެވެނީ އިސްލާމީ ޝަރީޢަތުގައި ހުއްދަ ކަމަކަށްވުމެވެ. ނުވަތަ އިސްލާމީ ޝަރީޢަތުގައި މަނާކޮށްފައި، އެބަހީ ޙަރާމުކޮށްފައިވާ ކަމަކަށް މިއިން ޚަރަދު ނުކުރުމެވެ. އެފަދަ ކަމަކަށް ޚަރަދު ކުރުމަކީ ހަމަ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫނެވެ.
2- އިސްލާމީ ޝަރީއަތުގައި ހުއްދަވެގެންވާ ކަމަކަށް ޚަރަދު ކުރިކަމުގައިވި ކަމުގައިވިޔަސް އެކަމުގައިވެސް ހައްދު ފަހަނައަޅާގޮސްގެން ނުވާނެއެވެ.
މާތްﷲ ކީރިތި ޤްރުއާންގައި ވަޙިކުރައްވާ އަންގަވާފައިވެއެވެ.(وَآتِ ذَا الْقُرْبَىٰ حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ وَلَا تُبَذِّرْ تَبْذِيرًا )” ގާތްތިމާގެ މީހާއަށާއި މިސްކީނާއަށާއި ޙާލުގައި ޖެހިަފއިވާ ދަތުރުވެރިޔާއަށް، މިއިން ކޮންމެމީހަކަށްމެ އެމީހެެއްގެ ހައްގު ދޭށެވެ. އަދި އިސްރާފު ކުރުމަކުން އިސްރާފު ނުކުރާށެވެ.” އިސްރާއު26
ފިޤްހު ޢިލްމުވެރިން ގެ ނަޒަރުގައި ޔަތީމު ކުއްޖާގެ މުދާ ބެލެހެއްޓުމާއި ޙަވާލުވާ ފަރާތުން އެކުއްޖާއަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އެ މުދަލުން ހޭދަ ކޮށްގެން ނުވާނެއެވެ. އެކަމުގައި އިސްރާފުކޮށްގެން ނުވާނެއެވެ. ޢިލްމުވެރިންގެ ނަޒަރުގައި ބައިތުލްމާލާއި ހަވާލުވާ މީހާއެއީ ޔަތީމުކުއްޖާގެ މުދާ ބަލަހައްޓަން ހަވާލުވާ މީހާޔާ އެއްފަދަ މީހެކެވެ. އެހެންކަމުން ރައްޔިތުންގެ މުދަލާއި ހަވާލުވެ ހުންނަ ފަރާތުން އެމުދަލާއިމެދު ސަމާލުވެ ރައްކާތެރިވާންޖެހެއެވެ.
ވަލިއްޔުލް އަމުރު ނުވަތަ ވެރިމީހާގެ ވާޖިބު ތަކުގެތެރެއިން 8ވަނަ ވާޖިބެއްކަމުގައި އަލްއިމާމު މާވުރުދީ ލިޔުއްވާފައި ވެއެވެ. “ ރައްޔިތުންގެ ތެރެއިން ބޭނުންޖެހިފައި ތިބި މީހުން ކަނޑައަޅައި އެއްވެސް އިސްރާފެއް އަދި ދަހިވެތިކަމަކާނުލައި އެމީހުނަށް ބައިތުލްމާލުން ހަރަދު ކުރަންޖެހޭވަރަށް ޚަރަދު ކުރުމަކީ ވެރިމީހާގެ ޒިންމާއެކެވެ.”
ޚަރަދު ކުރުމުގައި އިސްލާމުދީން އަބަދުވެސް އަންގަވަނީ މެދުމިން އިޚުތިޔާރު ކުރުމަށެވެ. މާތް ﷲ ކީރިތި ޤްރުއާންގައި ވަޙީކުރެއްވިއެވެ.
(وَالَّذِينَ إِذَا أَنْفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَٰلِكَ قَوَامًا) “ އަދި އެބައިމީހުންނަކީ އެބައިމީހުން ހޭދައެއްކުރިނަމަ އިސްރާފު ނުކުރާ އަދި،މުއްބާރުވެސް ނުކުރާމީހުންނެވެ. އެދެގޮތް ދެމެދުގައި މެދުމިންވެ ސީދާވެތިބޭ މީހުންނެވެ.” މި އާޔަތުގެ ތަފުސީރުކަމުގައި އިބުނު ކަޘީރު ލިޔުއްވާފައިވެއެވެ. މުއުމިނުންނަކީ ޚަރަދު ކުރުމުގައި މެދުމިނުގައި ހިފަހައްޓައިގެން ތިބޭ މީހުނެވެ. އެއްވެސް ގޮތަކަށް ޚަރަދުގައި އިސްރާފުވެސް ނުކުރާ އަދި މުއްބާރުވެސް ނުކުރާ މީހުނެވެ. ދަހިވެތިކަމެއްނެތި ތިމާޔާއި ތިމާގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ހޭދަކުރާމީހުނެވެ. ފަހެ އެންމެ ރަނގަޅު ހެޔޮ ގޮތަކީ މެދުމިނުގައި ހިފުމެވެ.
އަދިވެސް ކީރިތި ޤްރުއާންގައި މާތްﷲ ވހީކުރައްވާފައިވެއެވެ.وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ الْبَسْطِ فَتَقْعُدَ مَلُومًا مَحْسُورًا “ ކަލޭގެ ކަނދުރާއާއިއެކު ކަސްތަޅުއެޅިގެން ވާގޮތުގައި، ކަލޭގެ އަތްތިލަ ނުބާއްވާށެވެ! (އެބަހީ އެއްވެސް ކަމަކަށް ޚަރަދު ނުކުރާގޮތުގައި މުށްބާރު ކޮށްގެން ނުހުންނާށެވެ!) އަދި މުޅިން ފަތުރާލާ ފަތުރައިލުމަކުން އަތްތިލަ ފަތުރައި ނުލާށެވެ. (އެބަހީ އަތްމަތި ހުސްކޮށް ހޭދަނުކުރާށެވެ. ފަހެ އެހިނދު މަލާމާތްލިބި އެކަނިވެރިގޮތުގައި އިށީނދެ އިންނަން ޖެހިދާނެއެވެ.”
ކޮންމެއަކަސް މިވަގުތަކީ މުޅިދުނިޔެއަށް ބަނޑޫހައި ހޫނުކަމަކާއި ކުރިމަތިވުމުގެ ބިރު އުފެދިފައިވާ ދަނޑިވަޅެކެވެ. އިގުތިސާދީ ލޮޅުމެއް މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ވަގުތެކެވެ. އެހެންކަމުން މިފަދަ ދުވަސްވަރަކު ކޮންމެ ކަމަކަށްވެސް ޚަރަދު ކުރަންވާނީ ވަރަށް ވިސްނުންތެރިކަމާއެކުއެވެ. އަދި އެކަމަކީ ތިމާއަށާއި ތިމާގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ކިހާ މުހިއްމު ކަމެއްތޯ ވަޒަންކުރުމަށް ފަހުއެވެ. އަދި ޚާއްސަކޮށް މުޖުތަމައުގެ އެންމެހާ ބޭނުންތަކަށް ޚަރަދު ކުރުމަށް ފުދޭ މިންވަރަށް ބައިތުލްމާލުގައި ފައިސާނެތްކަމަށް ވާނަމަ ޚަރަދުކުރުމުގައި އިސްކަންދޭންޖެހޭނީ އެންމެ މުހިއްމު ކަންކަމަށެވެ. އަދި ގިނަބަޔަކަށް އެން ފައިދ ކުރަނިވި ކަންކަމަށެވެ. މިސާލަކަށް ދަންނަވާނަމަ ރަށުގައި ބޯނެ ފެން ނެތިގެން އުޅޭއިރު ނުވަތަ ރައްޔިތުން ބަނޑޫހައި ހޫނު ކަމުގައި ތިއްބާ މިސްކިތެއްބިނާ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްނޫނެވެ. އަދި ހަމަ އެހެންމެ ތަދުމަޑުކަމާހުރެ ނުވަތަ ފައިސާގެ ދަތިކަމާހުރެ އިލްމު އުނގެނުމުން މަހުރޫމުވެފައިވާ މީހާ ރީތިފޯނާއި މީރުވަސްދުވާ އަތަރުޖެހުމަށް އަވަސްވެގަތުމަކީ ކޮށްގެން ވާނެކަމެއްނޫނެވެ.
މުނިފޫހި ފިލުވުމަށް ޚަރަދު ކުރުމަކީ ތިމާ ނުވަތަ ތިމާގެ ބެލުމުގެ ދަށުގައި ތިބި ބަޔަކު އެބައިމީހުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްފަހު ބާކި ހުރިނަމަ ކުރަންޖެހޭ ކަމެކެވެ.
މުސްލިމު އިލްމުވެރިން އިންސާނާގެ ބޭނުންތައް ތިންބަޔަކަށް ބަހާލައެވެ. އެއީ ޒަރޫރީ ބޭނުންތަކާއި، ފުދުންތެރި މީހެއްގެ ބޭނުންތަކާއި އަދި މި ބުނެވިދޔަ ދެބައި ފުރިހަމަވެފައި ބާކީ ހުރެއްޖެ މީހަކު އެމީހެއްގެ ހިތްހަމަ ޖެހުމަށް ބޭނުންވާ ބޭނުންތަކެވެ. މީގެތެރެއިން އެއްވަނަ ބަޔަކީ ތިމާ ދިރިހުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަންކަމެވެ. ކެއިންބުއިމާއި އުނުއޮރިޔާން ފިލުވުމާއި ދިރިއުޅޭނެ ތަނެއްހުރުން ހިމެނެނީ ފުރަތަމަ ބައިގައެވެ. ފިނިގަދަ މޫސުމެއްގައި ހޫނުފެން ލިބެން ހުރުން ފަދަ ކަންކަމަކީ ދެވަނަ ބައިގައި ހިމެނޭ ކަމެކެވެ. އަދި ކުޅިވަރާއި މުނިފޫހި ފިލުވުމަށް ޚަރަދު ކުރުމަކީ ތިންވަނަ ބައިގައި ހިމެނޭ ކަންކަމެވެ.
ފަހަރެއްގައިވެސް އެއްވެސް ފަރާތަކުން އޭނާގެ ޒަރޫރީ ބޭނުންތަކާއި، ފުދުންތެރި މީހަކަށް ވުމުގެ ޝަރަފު ލިބުމުގެ ކުރިން ތިންވަނަބައިގައި ހިމެނޭ ކަމަކަށް ޚަރަދު ކޮށްގެން ނުވާނެއެވެ. އެހެންނަމަވެސް ހިތާމަޔަކީ މުޅި މުޖުތަމައުންވެސް ފެންނަނީ މިފަދަ ކަންކަމެވެ. އެއްބަޔަކު ލިބޭ މުސާރައިން ދެކޮޅު ނުޖެހިގެން އެކަމުގެ ރުޅިވެރިކަން ފާޅުކުރަމުންދާއިރު އަނެއްބަޔަކު ހަމަ ކުޅިވަރާއި މަޖަލަށް މުޅި ރާއްޖޭގައި ބުރުޖަހަނީއެވެ. ޔަގީނުންވެސް އެނގޭ ކަމަކީ ގައުމުގެ ހާލަތު މިފަދަ ގޮތަށް އޮއްވާ އެފަދަ ކަމަކަށް ބަޔަކު ބައިތުލްމާލުން ހޭދަކުރާނަމަ އެކުރެވެނީ ބޭކާރު އަދި އިސްރާފު ޚަރަދެއްކަމެވެ.
މާތްﷲ ވަޙީކުރެއްވިއެވެ.
( إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ ۖ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا) ހަމަކަށަވަރުން އިސްރާފުކުރާމީހުންނީ، ޝައިޠާނުންގެ އަޚުން ކަމުގައިވިއެވެ. އަދި، އޭނާ ހައްދަވައިބޮޑުކުރެއްވި ކަލާނގެ ކިބައަށް ކާފިރުވާ މީހަކުކަމުގައި ޝައިޠާނާވިއެވެ. (އަލްއިސްރާއު 27)