ޝެއިޚު އާދަމް ޝަމީމުގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ މަތީމަޖިލީހުން ހިފަހައްޓައިފި

ޖޫން 14 2008، 16:44 2 ޚިޔާލު

ޝެއިޚު އާދަމް ޝަމީމު ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީމަޖިލީހުން ހިފައިހައްޓައިފި އެވެ.

ޝެއިޚު ޝަމީމު ވިދާޅުވީ މަތީ މަޖިލީހުން ހުއްދަ ހިފެއްޓީ މި އަހަރުގެ މާޗު މަހު ކަމަށެވެ.

‘ހުއްދަ ހިފެހެއްޓީ ކީއްވެ ކަމެއް ނޭނގޭ. އަޅުގަނޑުގެ މައްސަލައަކީ ކޮބައިކަމެއްނޭގެ. އެއްވެސް އިންޒާރެއްވެސް ނުދީ ކުއްލިއަކަށް ހުއްދަ ހިފެހެއްޓުން އެއީ މަތީ މަޖިލީހުން އަޅުގަނޑަށް ދިން ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް ދެކެނީ“ ޝެއިޚު ޝަމީމު ވިދާޅުވިއެވެ.

މިމަހު 30 ވަނަ ދުވަހު މިކަމާއި ގުޅޭގޮތުން މަތީ މަޖިލީހުން ވަނީ ޝެއިޚު ޝަމީމު އަށް ސިޓީއެއް ފޮނުއްވާފައެވެ. އެސިޓީގައިވަނީ ”އައްޝެއިޚު އާދަމް ޝަމީމަކީ މިމަޖިލީހުން ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ ނަންގަވާފައިވާ ބޭފުޅެއްކަމުގައި ވާތީ ދަންނަވާކަމަށާއި އެއީ ޝަމީމު އާއި ބެހޭގޮތުން ވަރަށް ގިނަ އާއްމު ފަރާތްތަކުން ޝަކުވާކޮށްފައިވާތީ, މިމަޖިލީހުން ވަކި އެއްޗެއް އަންގަވަންދެން ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ބާތިލު ކުރެވިއްޖެ ކަމުގައި ދެންނެވުމަށް މިމަޖިލީހުގެ ރައީސް އެދިވަޑައިގެންފައި ވާކަމަށެވެ.“

ޝެއިހު ޝަމީމު ވިދާޅުވީ އާއްމު ފަރާތްތަކުން އޭނާއާ ބެހޭގޮތުން ޝަކުވާ ކުރާކަމަށްވާނަ އޭނާއަށްވެސް އެޝަކުވާގެ އަޑު އިވޭނެ ކަމަށާއި ނަމަވެސް އެއްވެސް ފަރާތަކުން އެއްވެސް ކަހަލަ ޝަކުވާއެއް މިވީހާތަނަށް ކޮށްފައިވާކަމަށް އެނގިފައި ނުވާކަމަށެވެ.

ޖަމީއަތުލް ޝަލަފުގެ ރައީސް ޝެއިޚު އަބުދުއްﷲ މުހައްމަދު ވިދާޅުވީ ޝެއިޚު ޝަމީމު އެއްމެ ފަހުން ދީނީ ދަރުސެއް ދެއްވާފައިވަނީ ޖަމީއަތުލް ޝަލަފު ޖަމިއްޔާއިން އިންތިޒާމް ކޮށްގެން މާޗު މަހު 13 ވަނަ ދުވަހު ބޭއްވި ޖަލްސާގައިކަމަށާއި އެޖަލްސާގެ މައުލޫއަކަށް ހަމަ ޖައްސާފައިވާނީ ”ދީނީ ގޮތުން މިޔުޒިކު“ މި މައުލޫއަށް ޝަމީމު ދަރުސު ދެއްވާގޮތައްކަމަށެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ހުއްދަ ހިފެހެއްޓީމަ މައްސަލައަކީ ކޮބައިތޯ؟ ހުއްދަ ދުވަހަކު ނުދެއްވާ މީހުން ދީނީ ނަސޭހަތް ދޭންވީމަ ދެނީ ނޫންތޯ؟ ކުރެވެން އޮންނަ ކަމެއް އޮންނަ ކަމަކަށް ނުވޭނޫންތޯ؟

    ހޮނިހިރު، ޖޫން 14 2008، 19:06
  2. އާއްމުން ޝަކުވާ ކުރަނީ ޝޭޚް ޝަމީމު ދަރުސުދެއްވައިގެންތޯ ނޫނީ ޓީވީއަށް އަރާ ހެއްދެވިނެހެއްދެވިއަށް ގޮވާ އަފުރާސީމު ވާހަކަދައްކައިގެންތޯ މަތީމަޖިލީހުގެ ރައީސް އަށް ނޭނގުނީތީ ހަމަ ހައިރާންވަމެވެ.

    ހޮނިހިރު، ޖޫން 14 2008، 20:35
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv